ޚަބަރު

މާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ 70 އިންސައްތަ ނިމިއްޖެ: ކައުންސިލް

އަލީ ޔާމިން

ކ. މާފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްގެން އެރަށުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުގެ 70 އިންސައްތަ ނިމިފައިވާ ކަމުގައި އެރަށު ކައުންސިލުން ބުނެފިއެވެ.

މާފުށީ ކައުންސިލްގެ ރައީސް، އުސްމާން ރަޝީދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުގެ ފަޅުތެރެއިން 25 ހެކްޓަރު ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ބިން ހިއްކުމުގެ 99 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ހުރީ، ރިވެޓްމަންޓް ޖެހުމާއި، ހިއްކި ސަރަހައްދާ މާފުއްޓާ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކަމަށް އުސްމާން ވިދާޅުވިއެވެ.

"ބިން ހިއްކުމުގެ 99 އިންސައްތަ މިހާރު އެހުރީ ނިމިފައި، ދެން ރިވެޓްމަންޓް ޖެހުމާއި، ރަށާ ގުޅާލުމުގެ މަސައްކަތް ނުނިމި އެހުރީ" އުސްމާން ވިދާޅުވިއެވެ

މާފުށީ ބިންހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 8 މަސް ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އުސްމާން ވިދާޅުވީ، ހިއްކާ ބިމުން 500އަށް ވުރެ ގިނަ ގޯތި ދޫކުރެވިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މާފުށީގެ ބިން ހިއްކުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދައިދެއްވަމުން ގެންދަވާތީ އުސްމާން ވަނީ މާފުށީ ރައްޔިތުންނާއި އޭނާގެ އަމިއްލަ ނަމުގައި ރައީސަށް ޝުކުރު ދަންނަވާފައެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށެވެ. އެގޮތުން މިހާރުވެސް އެރަށުގައި އޮޕަރޭޝަންގައި 54 ގެސްޓް ހައުސް އެބަހުއްޓެވެ.