އިލެކްޓްރޯނިކް ވޯޓިންއަށް ދާން އިލެކްޝަންސް ކޮމިޝަނުން ރަސްމީ ގޮތެއްގައި މަޝްވަރާކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އީސީގެ މެންބަރު ފުއާދު ތައުފީގު ވަނީ އީ-ވޯޓިންގެ ސަބަބުން ކުރާނެ ފައިދާތަކާ ގުޅޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް ރީޓުވީޓު ކުރައްވައި، އީސީގެ މެންބަރުން އެ ޓުވީޓުގައި ޓެގް ކުރައްވައިފައެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތުދެއްވަމުން އަކްރަމް ވިދާޅުވީ، އީ-ވޯޓިންއަށް ދިއުމުގެ ރަސްމީ މަޝްވަރާތައް އެއްވެސް ސިފައެއްގައި ކޮމިޝަނުގައި ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ރީ ރަޖިސްޓްރޭޝަންގެ ބައެއް ކަންތަކުގައި އީ-ވޯޓިންގެ ބައެއް ފީޗާސްތައް ހިމެނުމާ ބެހޭގޮތުން ނުރަސްމީ ސިފައެއްގައި މަސްވަރާކުރެވުނު ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން އީ ވޯޓިންއަށް ދިއުމަށް ރަސްމީގޮތެއްގައި އެއްވެސް މަޝްވަރާ ކުރެވިފައެއް ނުވޭ. އެހެންނަމަވެސް ރީ ރަޖިސްޓްރޭޝަންގެ ކަންތަކުގައި އީވޯޓިންގެ ފީޗާސްތައް ހިމެނުމަށް ބައެއް މަޝްވަރާ ކުރެވިފައިވަނީ،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، އީ-ވޯޓިންއަށް ދިޔަޔަސް ދާނީ ސިޔާސީ ޕާޓީތަކާއެކު އެކަމުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
މީގެ އިތުރުން އަމިއްލަ ހައިސިއްޔަތުން އަކްރަމް ވިދާޅުވީ، މިއީ އީ-ވޯޓިންއަށް ދާން އެންމެ ރަނގަޅު ވަގުތު ކަމަށާއި ނަމަވެސް އީ-ވޯޓިންއަށް ދާން ރާއްޖޭގެ ގާނޫނުތައް ހުއްދަ ނުކުރާ ކަމަށާއި އީ-ވޯޓިިންއަށް ދެވޭނީ ގާނޫނު ބަދަލުކޮށްގެން ކަމަށެވެ. އަދި އީ-ވޯޓިންއަށް ދިއުމަށް ރައްޔިތުންގެ އިތުބާރު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ.
"އީ-ވޯޓިންއަށް ގޮސްފިނަމަ ވަރަށް ފަސޭހަ ލުއިތަކެއް ލިބިގެންދާނެ. ނަތީޖާ ލިބުމުގެ ޕްރޮސެސް އަވަސްވުމާއި، ވޯޓިން ޕްރޮސެސްގައި ހުރި ބައެއް މައްސަލަތައް ހައްލުވެގެންދާނެ. އެހެންކަމުން މިއީ އީ-ވޯޓިންއަށް ދާން އެންމެ ރަނގަޅު ދުވަސްވަރު،" އަކްރަމް ވިދާޅުވިއެވެ.
ފުއާދުގެ ޓުވީޓަށް ޖަވާބުދެއްވަމުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބުވެސް ވިދާޅުވީ ވޯޓުލާ މީހުންނާއި ސިޔާސީ ޕާޓީތަކުގެ އިތުބާރު ހޯދިއްޖެނަމަ، އީ-ވޯޓިންއަކީ މިކަހަލަ ދުވަސްވަރެއްގައި، ވޯޓުލާ މީހުންނަށް ވަރަށް ފަސޭހަ ނިޒާމަކަށްވުން އެކަށީގެންވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގިނަ މެންބަރުން އީ-ވޯޓިންއަށް ތާއީދު ކުރައްވާފައިވާ އިރު، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އީސީން ވަނީ ރާއްޖެއަށް އީ-ވޯޓިން ތައާރަފުކުރަން މަސައްކަތްކޮށް އެކަމަށް ދިރާސާތަކެއް ވެސް ކޮށްފައެވެ. ނަމަވެސް އީ-ވޯޓިންއަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެހާ އެކަށޭނަ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.