ޚަބަރު

ދެކުނު އޭޝިއާއިން ޕްލާސްޓިކް މަދުކުރުމަށް 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފި

އައިދާ އަބްދުލް ހަކީމް

"ޕްލާސްޓިކް ފްރީ ރިވާސް އެންޑް ސީސް ފޯ ސައުތު އޭޝިއާ"ގެ ނަމުގައި ވޯލްޑް ބޭންކާއި ޕާލޭ އަދި ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަމަންޓް ޕްރޮގްރާމް (އެސްއޭސީއީޕީ) އިން 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފިއެވެ.

ވޯލްޑް ބޭންކުން ބުނީ މި މަޝްރޫއުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް އަލުން ބޭނުން ކުރުމާއި އަދި އެކަމާ ގުޅޭ މަޝްރޫއުތައް ހިންގުމަށް ކުންފުނިތަކަށް ބާރުއަޅައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ހާޓްވިގް ޝެފާ ވިދާޅުވީ ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމުގެ ސަބަބުން އެކަމުގެ ހެޔޮ އަސަރު ތިމާވެއްޓަށް ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކާނާގެ ޔަގީންކަން ދަމަހައްޓަންވެސް މަގުފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

މި ސަރަހައްދަކީ ތިންވަނައަށް އެންމެ ގިނައިން ޕްލާސްޓިކް ކުނި ބޭރުކުރާ ސަރަހައްދަށްވާ އިރު، އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ 2050 ވަނަ އަހަރު މިހާރު އުފައްދާ ޕްލާސްޓިކްގެ އަދަދު ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ވަނީ ދެކުނު އޭޝިއާގެ ކޯރުތަކާއި ކަނޑުތައް އެކި ގައުމުތަކުގެ ބޯޑަރުތަކާ ގުޅިފައިވުމުގެ ސަބަބުން ސަރަހައްދީ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.

ވޯލްޑް ބޭންކް، ޕާލޭ އަދި އެސްއޭސީޕީ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެސްއޭސީޕީގެ މެމްބަރު އަށް ގައުމުކަމަށްވާ ރާއްޖެ، އަފްގާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އިން ބައިވެރިންވުމަށް ވަނީ ނިންމައިފައެވެ.