ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ސިޔާސީ ބިރުދެއްކުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.
އިދިކޮޅު ޕީއެންސީގެ މެންބަރު އާދަމް ޝަރީފް މިކަމަށް ގޮވާލައްވާފައިވަނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން މުއިއްޒު ފުލުހަށް ހާޒިރު ކުުރުމަށް އެންގުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމާފައި މަސައްކަތްކުރަނީ ކޮންމެވެސް މީހެއްގެ ބޮލުގައި ކަންތައްތަކެއް އަޅުވަން ކަމަށެވެ.
"ބޭނުންވާގޮތަށް ދެބޯގެރި ދުއްްވާ އުސޫލުން ކަންކަން ނިންމާފައި، ދެން ބަލަނީ ކޮންމެވެސް މީހެއްގެ ބޮލުގައި ކޯރި އަޅުވަން. މިކަމަށް އޮތް އެންމެބޮޑު ހައްލަކީ އިންވެސްޓިގޭޓް ޖާނަލިޒަމް. ޑރ. މުއިއްޒަށް ސިޔާސީ ބިރުދެއްކުން ހުއްޓާލާ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލައިގައި މުއިއްޒު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.
މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 8:15 އަށެވެ.