ކޮވިޑް 19 އާ ގުޅިގެން ތަފާތުކުރުމެއް ނެތި އެންމެނަށް ހަމަހަމަކަމާއެކު ސިއްހީ ފަރުވާދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސްވެރިޔާ މިޝެލް ބެޝެލޭ ވިދާޅުވެއްޖެއެވެ.
ހިއުމަން ރައިޓްސް ހައިކޮމިޝަނަރު މިޝެލް ބެޝެލޭ މިހެން ވިދާޅުވީ ޖޫން މަހުގެ 10 ވަނަ ދުވަހު ނަން-އެލައިންޑް މޫވްމަންޓްގެ ޖެނީވާ ޗެޕްޓާގެ ވާޗުއަލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެކަމަނާ ވިދާޅުވީ މީހާ ނިސްބަތްވާ ގައުމު ނުވަތަ އެމީހެއްގެ ނިސްބަތަށް ބެލުމެއް ނެތި ދިވެހިރާއްޖެއިން ކޮވިޑް 19 އާ ގުޅިގެން ސިއްހީ ފަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ނާމްގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަ އަޒަރްބައިޖާންގެ ސަފީރުއެވެ.
ރާއްޖޭގައި ތިބި ބޭރު މީހުންނަށް ކޮވިޑް 19 އާ ގުޅިގެން ބޭސްފަރުވާކުރުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް 19 ގެ ފަރުވާގެ ކަންކަމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ރައީސް ސޯލިހްގެ ސަރުކާރު އައި ފަހުން ރާއްޖެއަކީ މިސާލެއްކަމަށް މިދިޔަ އަހަރު އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ފާހަގަކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ހާލާ ހަމީދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ހައިކޮމިޝަނަރުގެ އޮފީހުން ކުރައްވާ މަސައްކަތަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.