ޚަބަރު

ދަރިންނަކީ ހެޔޮބަސް ބުނާ ބަޔަކަށް ހަދައި، ހެޔޮބަސް ބުނުމަށް ހުތުބާގައި އިލްތިމާސްކޮށްފި

އިބްރާހިމް ޒަކީ

ދަރިންނަކީ ހެޔޮބަސް ބުނާ ބަޔަކަށް ހަދައި އެންމެންވެސް ހެޔޮބަހުން މުއާމަލާތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ.

ހެޔޮބަސް ބުނުމުގެ މައްޗަށް އެކުލަވާލާފައިވާ ހުކުރު ހުތުބާގައި ވަނީ، ހެޔޮ ބަހަކީ ސޮދާގާތެއް ކަމަށެވެ.

"އެއީ އީމާންކަމުގެ ވަސްމީރު ބަގީޗާގައި ފޮޅިފައިވާ ރީތި މަލެކެވެ. ހެޔޮ ބަހަކީ ހަޔާތުގެ ހިނިތުންވުމެވެ. އެއީ ތުންފަތުގެ ހުވަނދެވެ. ޒަހަމްތަކުގެ ފަރުވާއެވެ. ހަށިގަނޑާއި ފުރާނައިގެ ޝިފާއެވެ. ހެޔޮ ރަނގަޅު ބަހަކީ، ވާހަކަ ދައްކާ މީހާގެ ޝަހުސިއްޔަތެވެ. އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއެވެ. ކޮންމެ ހެޔޮ ބަހެއްގައި ހިމެނޭނީ ހަަމައެކަނި މަންފާ އާއި ލާބައެވެ. އެއީ ފުރައްސާރަ ކުރުމާއި، ނެތި މޮށުމާއި ފޮށުމާއި، އެއްޗެހި ކިއުން އޭގައި ނުހިމެނޭ ބަހެވެ. ހެޔޮ ބަހަކީ ﷲ ތައާލާ ހަނދުމަ ކުރުމާއި، ތަހުލީލާއި، ތަހްމީދާއި، ތަސްބީހަ ހިމެނޭބަހެވެ. އެއީ ފައިދާ ކުރަނިވި އިލްމުލިބޭ ހެޔޮކަންތަކަށް އަމުރުކުރާ، މުންކަރާތްތައް ނަހީކުރާ ބަހެވެ. އެއީ މީސްތަކުންނަށް ހެޔޮ ނަސޭހަތް ދިނުމާއި، ހެޔޮމަގު ދައްކައިދިނުމެވެ.،" ހުތުބާގައި ބުނެފައިވެއެވެ.

ހެޔޮ ބަހަކީ މަންޒަރު ރީތި، ވަސްމީރު، މޭވާފޮނި، ހިޔާބޮޑު، ފައިދާ ތަނަވަސް، މޫވަރުގަދަ، އަބަދުވެސް މޭވާ އަޅާ ގައެއް ފަދަ އެއްޗެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެފަދަ ގަހެއް ހެއްދުމަށް، ރަނގަޅު ބިމަކަށް ބޭނުންވާ ކަމަށާއި، މި ރަނގަޅު ބިމަކީ ﷲ އަށް އަޅުކަންކުރާ، ސާލިހު މުއުމިނާގެ ނަފްސު ކަމަށާއި، އެ ގަހުގެ ވެރިޔަކީ ރިވެތި ގޮތުގައި ﷲ ގެ ހަލްގު ތަކުންނާ މުއާމަލާތްކުރާ މީހާ ކަމަށްވެސް ބުނެފައިވެއެވެ. ދަރިންނަކީ އެފަދަ ބަޔަކަށް ހެދުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"އަޅުގަނޑުމެންގެ ދަރިންނަކީ މިފަދަ ބަޔަަކަށް ހެދޭތޯ ބަލަމާ ހެއްޔެވެ. އެ ދަރިންގެ ހިއްތަތަކުގައި މިފަދަ ބިމެއް ތައްޔާރު ކުރެވޭނީ އާއިލާ އާއި މަދުރަސާ އާއި ވެށިން ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށްދީގެންނެވެ. މި ތިންވެށި ނުރަނގަޅު ބިމެއްފަދަ ތަނަކަށް ވެއްޖެނަމަ ދަރިންގެ ހިތްތަކުގައި ހެޔޮ ބަސް ބުނުމުގެ ގަހެއް ނުފަޅާނެއެވެ. އެމީހުންގެ ސަބަބުން މުޖުތަމައު އެއްބައިވަންތައެއް ނުކުރެވޭނެއެވެ. އެ މީހުންގެ ކިބައިން ގައުމަށް ރަނގަޅު ހިދުމަތެއްް ނުލިބޭނެއެވެ." ހުތުބާގައިވެއެވެ.