ސަފުތަކުގައި ދޭތެރެ ދުރުކޮށް ތިބެ ނަމާދު ކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާލަތުގައި މާތް ވެގެންވާ ދެ ހަރަމުފުޅުގެ އިތުރުން އަލް އަގްސާ މިސްކިތުގައި ވެސް އަމަލު ކުރަނީ ހަމަ އެގޮތަށް ކަމަށެވެ. އަދި އެއީ ދީނީ ގޮތުން އެއްވެސް މައްސަލަ އެއް އޮތް ކަމެއް ނޫން ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ސަފުތަކުގައި ދޭތެރެ ދުރުކޮށް ތިބެ ނަމާދު ކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން. 2 ހަރަމުފުޅުގައިވެސް، އަދި އަލް އަގްސާ މިސްކިތުގައި ވެސް އަމަލު ކުރަނީ މިހާލަތުގައި އެގޮތަށް. އެއީ ދީނީ ގޮތުން އެއްވެސް މައްސަލަ އެއް އޮތް ކަމެއް ނޫން." ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ ކުރިން މިމައްސަލާގައި "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވެފައިވަނީ ކޮވިޑް 19 އާ ގުޅިގެން ލޮކްޑަންއުންގައި ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައްވެސް ހުޅުވާލަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ ކަމަކަށް ލުއި ދޭއިރު، އެއްވެސް މިސްކިތެއް ބަންދު ކޮށްފައި ބެހެއްޓުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަންދީގެން މިސްކިތް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލަން ޖެހޭ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިސްކިތްތައް ހުޅުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައިވަނީ ދުރު ދުރުގައި ނަމާދު ކުރުމުގެ ހުއްދަ ޑޮކްޓަރުން ދެއްވައިފި ނަމަ ދީނީ އިލްމުވެރިންނާއި މަޝްވަރާ ކުރުމަށް ފަހު އެކަން އެގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. ނަމަވެސް ލޮކްޑައުންގެ ދެވަނަ ފޭހުގައި ވެސް މިސްކިތްތައް ހުޅުވާލުމަށް ހުއްދަ ދީފައި ނުވާތީ އެކަމާއި ގުޅޭގޮތުން ގިނަ ދީނީ އިލްމުވެރިން ވަނީ ޓްވިޓާގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އެގޮތުން ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކްތަކާއި މައިޒާންތައް ހުޅުވޭނަމަ، މިސްކިތް ފަދަ މުގައްދަސް ﷲ ގެ ގެކޮޅުތައް ހުޅުވާލުންމާ ވާޖިބު ކަން ބޮޑު ކަމަށާއި މުސްލިމުންނަށް އެންމެ އިސްވާން ޖެހޭނީ މިސްކިތްތައް ކަމަށެވެ.