ޚަބަރު

11 އަހަރުގެ ކުއްޖަކު މާލޭގެ ގެސްޓުހައުސްއެއްގައި ރޭޕް ކޮށްފި

އައިދާ އަބްދުލް ހަކީމް

މާލޭގެ ގެސްޓުހައުސްއެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕް ކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 10 ވަނަ މާލޭގެ ގެސްޓް ހައުުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީނާ ކޮށްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެއިދާރާއިން މައުލޫމާތު ދެއެވެ.

މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ 18 އަހަރުން މަތީގެ ފިރިހެނެކެވެ.

އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު މާލެ ގެނެސް، އެކުއްޖާ ރޭޕްކުރި މައްސަލައެއް މިދިޔަމަހު ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުން ބުނެފައިވަނީ، އެކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ހުށަހެޅުމުން އެކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ އިތުރު މީހަކާއެކު މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން ކަމަށެވެ.

އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. ކުށުގެ ރެކޯޑް އޮންނަ އެ މީހާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށާއި ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކައި، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލައާ ގުޅިގެން ތަހުގީގުން ބެލިބެލުމުން ކުޑަ އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއް ކައިރިއަށް ކުއްޖާ އެކަނިކަން އެނގިފައިވާ ކަމަށެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިންޓަނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއެކު ކުދިން ތަންތަނަށް ނުފޮނުވުމާއި ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އެފަދަ މައްސަލަތަކުގެ މައުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ފޯން 3000600 ނުވަތަ 9790163 އަށާއި ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ވެސް އެދެއެވެ.