ރާއްޖޭގައި ދިރިއުޅޭ ލަންކާ މީހުންނަށް އެގައުމުން އެހީ ފޮނުވައިފިއެވެ.
ލަންކާގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ވާގޮތުން އެގައުމުން ރާއްޖެއަށް ފޮނުވާފައިވާ އެހީގެ ސާމާނު ބެހުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދިރިއުޅޭ ލަންކާ މީހުންގެ ތެރެއިން ކޮވިޑްގެ ސަބަބުން އެހީ އަށް ބޭނުންވެފައިތިބި މީހުންނަށެވެ.
އެގޮތުން އަސާސީ ބޭނުންތަކަށް ބޭނުންވާ 2000 ޕެކޭޖު ރާއްޖެއަށް ފޮނުވާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މި އެހީގެ ސާމާނު ރާއްޖޭގައި ހުންނަ ލަންކާގެ ހައިކޮމިޝަން މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނަށް ބެހުމަށް ވަނީ ނިންމާފައެވެ.
ލަންކާއިން ފޮނުވާފައިވާ އެހީގެ ސާމާނުގެ ތެރޭގައި ޒަރޫރީ ބޭނުންތަކުގައި ބޭނުންވާ ސާމާނާއި ކާއެއްޗެހީގެ އިތުރުން ބޭސްވެސް ހިމެނެއެވެ.
ރާއްޖޭގައި ހާލުގައި ޖެހިފައިވާ ލަންކާ މީހުންނަށް އެހީގެ ސާމާނު ފޮނުވުމުގައި ސްރީލަންކަން އެއާލައިންސް އިން އެއްވެސް ޗާޖެއް ނުނަގާކަން ލަންކާގެ ފޮރިން މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.
ލަންކާގެ ފޮރިން މިނިސްޓްރީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 7000 އަށް ވުރެން ގިނަ ލަންކާމީހުން އަނބުރާ ގައުމަށް ދިއުމަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އަދި ހަމައެކަނި މާލޭގައިވެސް 2000 މީހުން ތިބިކަން ފާހަގަ ކޮށްފައިވެއެވެ.