އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގުގެ މަޗުތަކުގައި ކުޅުންތެރިންނާއި އޮފިޝަލުން މާސްކު އަޅާކަށް ނުޖެހޭނެ

މުހައްމަދު އައުޒަމް

އިނގިރޭސި ޕްރިމިއާ ލީގުގެ މަޗުތަކުގައި ކުޅުންތެރިންނާއި އޮފިޝަލުން މާސްކު އަޅަން ނުޖެހޭނެކަން ކުލަބުތަކަށް އަންގައިފިއެވެ.

ކްލަބުތަކާއެކު ޕްރިމިއާ ލީގުގެ އޮފިޝަލުން ބޭއްވި ބައްދަލުވުމަކަށްފަހު ވަނީ ސިއްހީ އަދި އޮޕަރޭޝަނަލް ޕްރޮޓޮކޯލް ހުރިހާ ޓީމުތަކާ ހިއްސާކޮށް އެއްބަސްވުމަކަށް އައިސްފައެވެ.

ޕްރިމިއާ ލީގު މިމަހުގެ 17 ވަނަ ދުވަހު ފަށަން ނިންމާފައިވާ އިރު، ބޮޑެތި ބަދަލުތަކެއް ގެނެސް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ޕްރިމިއާ ލީގުގެ މެޗު ކުޅޭ ވަގުތު ދަނޑުގެ ސަރަހައްދުގައި ބޯޅަ ހޮވާ ކުދިން ނުތިބޭނެއެވެ. އަދި ކުޅުމުގައި ބޭނުންކުރާ ބޯޅަވެސް ސްޓެރިލައިޒް ކުރާ ސިސްޓަމަކުން ސާފުކުރުމަށް ވަނީ ނިންމައިފައެވެ.

ޕްރިމިއާ ލީގު ފަށާއިރު އެއްވެސް ކުޅުންތެރިޔަކު އަދި ޓީމު އޮފިޝަލުން މާސްކު އަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް މެޗުގެ ހަތަރުވަނަ އޮފިޝަލް އަދި ޑޮކްޓަރުންނާއި ފިޒިޔޯއިން މާސްކު އަޅަން ޖެހޭނެއެވެ.

މެޗުތައް ކުޅޭ ވަގުތުތަކުގައި ދަނޑަށް ވަދެވޭނީ 300 މީހުންނަށެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ރެޑް ޒޯންގައި ތިބެވޭނީ އެންމެ ގިނަވެގެން ވެސް 110 މީހުންނަށެވެ. މި ގަވާއިދު ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭ ހުރިހާ ސްޓޭޑިއަމްތަކުގައި އަމަލުކުރާނެއެވެ. މީގެ އިތުރުން ސިއްހީ ގޮތުން ރައްކާތެރި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޕްރިމިއާ ލީގުގެ މެޗުތައް މާޗު 13 އިން ފެށިގެން ހުއްޓުވާފައިވާ އިރު، މިމަހުގެ 17 ގައި ފަށާ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން އެއް މިނެޓުގެ ސުކޫތެއް ގެންނާނެއެވެ. އެއީ ކޮވިޑް ޖެހި މަރުވާ މީހުންގެ ހަނދާނުގައި ގެންނަ ސުކޫތެކެވެ. އަދި ހިތުގެ ބައްޓަމަކަށް ހުންނަ ބެޖެއްވެސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އަގުވަޒަން ކުރުމަށް ޖަހަން ހަމަޖެހިފައިވާ ބެޖެކެވެ.