ޚަބަރު

ދިރާގުގެ "ނައުއެމްވީ" މެދުވެރިކޮށް އެހީގެ "ހެވަތަ" ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

ދިރާގުން ތަރައްގީކޮށްފައިވާ "ނައުއެމްވީ" އެޕްލިކޭޝަން މެދުވެރިކޮށް "ހެވަތަ" ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެހީ ޖަމިއްޔާއިން ބުނީ "ހެވަތަ" ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް އެހީވުމުގެ ފުރުސަތު "ނައުއެމްވީ" މެދުވެރިކޮށް އިތުރަށް ފަހިވެފައިވާ ކަމަށެވެ.

އެހީ ޖަމިއްޔާއިން ކުރިޔަށްގެންދާ "ހެވަތަ" ޕްރޮގްރާމަކީ ދިރިއުޅުމުގެ ހާލަތު ދައްވެ، ފުދުންތެރިކަން ކުޑަވެފައިވާ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

"ހެވަތަ" އިން އެހީވާ އާއިލާތަކަކީ ލިބޭ އާމްދަނީއިން ޒަރޫރީ ބޭނުންތަށް ފުއްދާނުލެވޭ، ނުވަތަ އެފަދަ ބޭނުންތައް ފުއްދޭވަރުވާނަމަ، އޭގެ އިތުރުން ކުއްލިއަކަށް ކުރިމަތިވާ އެއްވެސް ކަމެއްގައި ހޭދައެއް ކުރެވޭވަރު ނުވާ އާއިލާތައްކަމުގައި އެޖަމިއްޔާއިން މައުލޫމާތުދެއެވެ.

މީގެއިތުރުން ދިރާގުގެ "ނައުއެމްވީ" އެޕްލިކޭޝަނުގައި "ހެވަތަ" ޕްރޮގްރާމް ހިމެނުމާއެކު އެފަދަ ނިކަމެތި އާއިލާތަކަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހަކަމާއެކު ކުރުމުގެ ފުރުސަތު އޮތްކަމަށް އެހީ ޖަމިއްޔާއިން އިން ބުންޏެވެ.

އެހީ ޖަމިއްޔާ އިން ބުނީ މި ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ބޭނުންވާ މީހުންނަށް އެޖަމިއްޔާގެ ހޮޓްލައިން ނަންބަރު 7803433 ނުވަތަ ހެވަތަ ހޮޓްލައިން ނަންބަރު 9133433 މެދުވެރިކޮށް މައުލޫމާތު ލިބޭނެކަަމަށެވެ.

"ހެވަތަ" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 20 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި "ހެވަތަ" މެދުވެރިކޮށް އެފަދަ އާއިލާތަކަށް އެއް މަސްދުވަހަށް ބޭނުންވާ ކާބޯތަކެތީގެ ގޮތުގައި ހަނޑޫ، ހަކުރު، ފުއް، ކައްކާތެޔޮ، އަދި ދަޅުމަހުގެ އިތުރުން ކުޑަކުތިންގެ ކާނާއާއި، ނެޕީފަދަ ތަކެތި ވެސް އެޖަމިއްޔާއިން ފޯރުކޮށްދެއެވެ.

"ހެވަތަ" ޕްރޮގްރާމްގެ އިތުރުން، އެހީ ޖަމިއްޔާއިން އަންނަނީ ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން ހާލުގައި ދިރިއުޅެމުން އަންނަ އާއިލާތަކަށާއި ބިދޭސީއިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.