މާލެ ފިޔަވައި ހުރިހާ ރަށެއްގައި އަންނަ ހޯމަ ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ނުދީ އޮތީ މާލޭގެ އިތުރުން ށ. ނަރުދޫ އާއި ނ. މަނަދޫގައެވެ. ކޮވިޑް 19އާ ގުޅިގެން މޮނީޓަރިންއަށް ލާފައިވާ ރަށެއް ނަމަ، އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެނީ އާންމު ހާލަތަށް ގެންނަތާ 14 ދުވަސްވުމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް "ވަން" އަށް ވިދާޅުވީ، މޮނިޓަރިން އުވާލި މުއްދަތު ހަމަވުމުން، އަންނަ ހޮނިހިރު ދުވަހު ނަރުދޫގައި ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު އަންނަ ހޯމަ ދުވަހުން ފެށިގެން މަނަދޫގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ.
"މިހާރު ލޮކްޑައުންގައި މިއޮތް މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ 15 އިން ފެށިގެން،" އަފްރާހް ވިދާޅުވިއެވެ.
ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު، މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.