ޚަބަރު

ނޫމަޑި މައްސަލައިގައި ޑރ. މުއިއްޒު އަނެއްކާ ވެސް ފުލުހަށް ހާޒިރުކުރަނީ

ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޑރ. މުއިއްޒު "ވަން" އަށް ވިދާޅުވީ، މާދަމާ ރޭ 8:15 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި މިއަދު ހަވީރު ޗިޓު ފޮނުވާފައިވާ ކަމަށެވެ. އަދި ފުލުހަށް ހާޒިރުކުރަނީ ނޫމަޑި މައްސަލައިގައި ކަމަށާއި ފުލުހުންގެ އެންގުމާ އެއްގޮތަށް ފުލުސް އޮފީހަށް ހާޒިރުވާނެ ކަމަށް ވިދާޅުވިއެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ޑރ. މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުސް އޮފީހުގައި ވަނީ އެދިފައެވެ.

އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް މުއިއްޒު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ނަމަވެސް އެފަހަރު ފުލުހަށް ހާޒިރުކުރީ މާލޭގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވަން ފޯމް ހުށަހެޅުއްވިތާ ދެ ދުވަސް ފަހުން ކަމުން، އިދިކޮޅުގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވިއެވެ.

މުއިއްޒު ވިދާޅުވީ، މިފަހަރު ވެސް ފުލުހަށް ހާޒިރުވާން އަންގާފައި މިވަނީ ފުލެޓްތައް ހަވާލުނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމާ ގުޅޭގޮތުން ސަރުކާރުގެ ބައެއް ބޭފުޅުން އޮޅުވާލަން ދައްކަވާ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދީ އެވާހަކަތައް ހާމަކޮށްދޭން ފެށުމުން ރައްޔިތުންގެ ތެރޭގައި ސަރުކާރަށް ނަފުރަތާއި ރުޅިވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ކަންކަމުގައި ރަނގަޅު ގޮތްތައް ބުނެދީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް/ ޕީއެންސީން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ.

އޭޖީން ބުނެފައިވާ ގޮތުން، ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ އެ މައްސަލައިގައި ދައުލަތް ދިފާއު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލަ ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމުމުގައި ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުން އޮތްއިރު، ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށެވެ.

ނަމަވެސް 17 ނޮވެމްބަރު 2018 ގައި މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކާފައިވާކަމަށް އޭޖީން ފާހަގަކުރެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައިވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަން ބަޔާން ދެއްވުމަށްފަހު އަލުން ބަޔާން ބަދަލު ކޮށްފައިވާކަން ވެސް އޭޖީން ފާހަގަކުރެއެވެ.

އޭގެ އިތުރުން ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދިނުމަކީ އާބިޓްރޭޝަންގައި ހިނގަމުންދިޔަ މައްސަލަތައް ދިފާއު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމެއް ކަމަށް އޭޖީން ކުރިން ނެރުނު ބަޔާނެއްގައިވެއެވެ.