ޚަބަރު

އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 81 ޕަސެންޓް ދަށްވެއްޖެ

މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ 81 ޕަސެންޓް ދަށްވެއްޖެއެވެ.

މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 206.28 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.09 ބިލިއަން ރުފިޔާ ލިބުނެވެ.

އާމްދަނީ ދަށްވި ސަބަބެއް ކަމަށް މީރާ އިން ބުނީ، ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖެއިން އޮން އެރައިވަލް ވިސާތައް ހުއްޓާލުމާއި ލޮކްޑައުންއާ ގުޅިގެން ޓެކްސް ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައި އޮތުމުން ކަމަށެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް މިދިޔަ މަހު ވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 113 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޖުމުލަ އާމްދަނީގެ 55 ޕަސެންޓެވެ.

ދެވަނައަަށް އެންމެ ބޮޑު އާމްދަނީއެއް މެއި މަހު ލިބުނީ އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު 19.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޖުމުލަ އާމްދަނީގެ 9.7 ޕަސެންޓެވެ.

ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އިންނެވެ. އެ ފީގެ ގޮތުގައި މިދިޔަ މަހު 16.8 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 8.2 ޕަސެންޓެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ހިންގާ ބިޔަ މަޝްރޫއުތަކަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަން ނަގާ ފީ އެވެ. އޭޑީއެފްގެ ގޮތުގައި ނަގަނީ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ.