ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު، މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިތުރުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި މުއްދަތުގެ ތެރޭގައި، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސް ހުޅުވާގޮތަށް ރައީސް ސޯލިހް ހަމަޖައްސަވައިފައިވާ ކަމަށެވެ.
ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާގޮތަށް އިތުރުކުރި މި މުއްދަތުގެ ތެރޭގައިވެސް ސަރުކާރުގެ އިދާރާތަކުން މިހާރެކޭވެސް އެއްގޮތަށް އަމަލުކުރުމުން ގެންދެވުމަށް ރައީސް ވަނީ އަންގަވައިފައެވެ.
އެގޮތުން މިހާރުވެސް އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެކަމަށާއި އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އިދާރާއެއް ހުޅުވިނަމަވެސް، އެ އިދާރާއަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިލައިގެން ނުވާނެ ކަމަށެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި މި 4 ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ކަމުގައި ވިޔަސް، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، މި ނޫން ދުވަސްތަކާއި ވަގުތުތަކުގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރެވިދާނެކަމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.
މީގެ އިތުރުން އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރުމަށް އިދާރާއަށް ނެރެން ވާނީ ވީހައިވެސް މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި، އިދާރާއެއް ހުޅުވައިގެން އިދާރާތަކުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކުގެ ތަފުސީލު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އަށް އެ އިދާރާއަކުން ހުށަހަޅަން ޖެހޭނެ ކަމަށާއިއަދި މަސައްކަތްކުރަން ވާނީ އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްގޮތަށް އެ އިދާރާއެއްގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރަންވާނީ އެ ގޮތުގެ މަތިންކަމަށާއި، އަދި އެ އިދާރާއިން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ވެސް ރައީސް ވަނީ ސަރުކާރު އޮފީސްތަކަށް އަންގަވާފައެވެ.