ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަމަށް ރައީސް ސޯލިހް މިއަދު ބަދަލުކުރައްވައިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރަމުން އައި ހުރިހާ މަސައްކަތްތައް ދެން ކުރަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗައިންކަމަށެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ނިންމާފައިވާކަމަށެވެ.
ހައުސިން މިނިސްޓްރީ ހިންގަވަމުން ގެންދެވި އައިމިނަތު އާތިފާ ވަނީ އެކަމަނާގެ ސިއްހީ ހާލަތު ހުރި ގޮތުން އެމަގާމުން އިސްތިއުފާ ދެއްވައިފައެވެ. ރައީސް ސޯލިހް ވަނީ އެކަމަނާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.