ޚަބަރު

މިނިސްޓަރު އާތިފާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި، އޭނާގެ ހިދުމަތަށް ރައީސް ސޯލިހު ޝުކުރުއަދާކުރައްވައިފި

އައިދާ އަބްދުލް ހަކީމް

ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ހުށަހެޅުއްވި އައިމިނަތު އާތިފާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި، އޭނާގެ ހިދުމަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އާތިފާ މަގާމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް އުޒުރުވެވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން ނުދާތީ އެކަމުގެ މައުލޫމާތުވެސް އެކަމަނާ ގެންދެވީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އާމިނަތު އާތިފާގެ އިސްތިއުފާ ރައީސް މިއަދު ގަބޫލުފުޅު ކުރެއްވި އިރު، ހައުސިން މިނިސްޓްރީ އުވާލައްވަން ވެސް ރައީސް ސޯލިހު މިއަދު ވަނީ ނިންމަވައިފަ އެވެ. ހައުސިން މިނިސްޓްރީން ކުރަމުން އައި އެންމެހައި މަސައްކަތްތައް ބަދަލުކުރަން ނިންމާފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ދަށަށެވެ.

ހައުސިން މިނިސްޓްރީ އުވާލެއްވުމުގެ އިތުރުން، ޕްލޭނިން މިނިސްޓްރީގެ ނަން ބަދަލުކޮށް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަމަށް މިއަދު ވަނީ ބަދަލުކުރައްވައިފަ އެވެ.