މާވެޔޮ މިސްކިތް ސަރުކާރާ އަދި ހަވާލު ނުކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ސަރުކާރާއި މާވެޔޮ މިސްކިތް ހަވާލު ނުކުރާ ކަމަށް ވިދާޅުވީ ބައެއް ނޫސްތަކުގައި މާވެޔޮ މިސްކިތް ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުންނެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ޝާފިއު ދެއްވާފައެއް ނުވެއެވެ.
ކުރިން ދެ ބުރިއަށް ހުރި މާވެޔޮ މިސްކިތް ތަޅާލައި، އެ ބިމުގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މިސްކިތް މިއަހަރު ހުޅުވާނެ ކަމަށް މިސްކިތް ހަދަމުން އަންނަ ފަރާތާ ހަވާލާދީ މީގެ ކުރިން ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
މާވެޔޮ މިސްކިތް މިހާރު އިމާރާތް ކޮށްފައިވަނީ ހަ ބުރިއަށެވެ. މި މިސްތިގައި އަންހެނުންނަށް ހާއްސަ ބުރިއެއްވެސް ހަމަޖައްސާފައި ވާއިރު، ހުރިހާ ބުރިޔަކަށް ދެވޭނެ ގޮތަށް ލިފްޓު ހަރުކޮށްފައިވެއެވެ. މި މިސްކިތަކީ ކުރިން 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ނަމަވެސް މިހާރު މި މިސްކިތުގައި އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.