ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅި މަޖިލިސް މެންބަރު މަޖިލީހުގައި އެ ގަރާރު ހުށަހަޅާ ވަގުތު ނުވަތަ ގަރާރު ހުށަހެޅުމަށް ތަޅުމުގައި ހާޒިރުވެ އިނުން މަޖިލީހުގެ ގަވައިދުގައި ލާޒިމު ނުކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެ ކޮލިޝަނުން މިހެން ބުނެފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ފުލިދޫ ގިރަމުންދާ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ގަރާރުގ ޖަލްސާޔަށް އެޖެންޑާ ކުރުމަށްފަހު އެ ގަރާރު މަޖިލީހުން ބޭރު ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ މި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރު ކުރި މައްސަލަ އެ ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައި ވެއެވެ.
މި ގަރާރު މަޖިލީހުން ބޭރު ކުރުމަށް މަޖިލީހުގެ ރައީސް ދައްކަވާފައި ހުއްޖަތަކީ އެ ކޯލިޝަނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ. އަދި މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު ކޯލިޝަނުން ބައިވެރި ނުވުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި، މަޖިލީހަށް ގަރާރު ހުށަހެޅި މެންބަރު މަޖިލީހުގެ ތަޅުމުގައި ނެތް ކަމަށް ބުނެ އެ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކުރެވޭނެ އެއްވެސް ގޮތެއް މަޖިލީހުގެ ގަވައިދުން ނުފެންނަ ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލީހުގެ ރައީސް ނަޝީދު މަޖިލީހުގެ މައިނޯރިޓީގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މަޖިލީހުގެ ރައީސްގެ މި އަމަލު ހުއްޓުވުމަށް މަޖިލީހުގެ އަމީން އާންމާއި ކައުންސިލަ ޖެނެރަލް އަދި ސާޖަންޓް އެންޓް އާމްސް އެއްވެސް މަސައްކަތެއް ނުކުރާ ކަމީ އެކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައި ވެއެވެ.
ރައްޔިތުންގެ ހައްގުގައި އަދި ދާއިރާގެ ރައްޔިތުންގެ ހައްގުގައި މެންބަރު ފަޒުލް ކުރައްވާ ހުރިހާ މަސައްކަތްތަކަށް އެ ކޯލިޝަނުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި ރައްޔިތުންގެ ހައްގުގައި ކުރާ ކޮންމެ ކަމެއްގައި އެކޯލިޝަނުން ބައިވެރިވާނެ ކަމަށާއި، އެފަދަ ކަންމަކަށް ދޭން ޖެހޭ އެއްބާރުލުން އަބަދުވެސް ދޭނެ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.