އެއިންޓްރެޗްޓް ފްރެންކްފާޓް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ކަޕުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޖަރުމަން ކަޕުގެ ފައިނަލުން ބަޔާން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި 2-1ގެ ނަތީޖާއަކުން ފްރޭންކްފާޓްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އެ މެޗުގެ 14 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ތޯމަސް މުލާ ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ޕެރިސިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފްރެންކްފާޓްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
އެ ލަނޑަށްފަހު ވެސް ބަޔާނަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިއެވެ. އެގޮތުން ބަޔާންގެ ކިންގްސްލީ ކޯމަންއަށް ލިބުނު ދެ ފުރުސަތެއް ބޭކާރުވެގެންދިޔަ އިރު، ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ފްރެންކްފާޓްގެ ކީޕަރު ކެވިން ޓްރެޕް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ފްރެންފާޓުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޑައިޗީ ކަމަޑާ ދިން ބޯޅައަކުން ފްރެންކްފާޓަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނީ ޑަ ކޮސްޓާއެވެ.
ފްރެންކްފާޓުން ނަތީޖާ ހަމަހަމަކުރިތާ ފަސް މިނެޓުގެ ތެރޭގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑް ފޯވަޑް ލެވަންޑޯސްކީއެވެ.
ޖަރުމަން ކަޕުގެ ފައިނަލުގައި ބަޔާން ނުކުންނަން ޖެހޭނީ ބަޔާ ލެވަކޫސަންއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ބަޔާނަކީ ޖަރުމަން ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އަދި އެ މުބާރާތުގެ އެންމެ ކާމިޔާބު ކުލަބަކީ ވެސް ބަޔާނެވެ. މިހާތަނަށް ބަޔާނުން ވަނީ 19 ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. ދެވަނައަށް އެންމެ ކާމިޔާބު ކުލަބު ވާޑާ ބްރެމަންއަށް އެ މުބާރާތް ކާމިޔާބުކުރެވިފައިވަނީ ހަ ފަހަރެވެ.