ހައުސިން މިނިސްޓަރުގެ މަގާމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވަން ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އެކަހަލަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކަންފެށީ، އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ އެމަގާމުން މިއަދު އިސްތިއުފާދެއްވުމަށް ހުށަހެޅުއްވުމުންނެވެ.
އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް "ވަން" އަށް ވިދާޅުވީ، ހައުސިން މިނިސްޓަރު ކަމުން އާތިފާ އިސްތިއުފާ ދެއްވަން ހުށަހެޅުއްވި ނަމަވެސް އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅުކުރެއްވިކަން އަދި ނޭނގޭ ކަމަށެވެ. އަދި އެ މަގާމަށް ޕާޓީން ހުށަހަޅާނެ ނަމަކާ މެދު މަޝްވަރާ ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިވެރިކަން ގެނައުމަށް ރައީސް މައުމޫންގެ ފަރާތްޕުޅުން އިސްކޮށް މަސައްކަތްކުރެއްވި ފާރިސް ހުންނެވީ ސަރުކާރުގެ އެއްވެސް މަގާމެއްގައެއް ނޫނެވެ. ނަމަވެސް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްއާރުއެމްގެ ފަރާތުން މަންޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރެއްވިއެވެ. އެގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީން ވާދަކުރެއްވި މުހައްމަދު ރަޝީދެވެ.
ސަރުކާރުގައި އެމްއާރުއެމް ހިއްސާވާ ގޮތަށް އޮތީ 20 ޕަސެންޓެވެ. އެގޮތުން އެ ޕާޓީއަށް ސްލޮޓްގައި ކެބިނެޓުގައި ހަތަރު މިނިސްޓަރު ތިއްބަވައެވެ. އެއީ އާތިފާއާއެކު ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށެވެ.
އާތިފާ ގެންދަވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޮޑު ބައްޔަކަށް ބޭސް ކުރައްވަމުންނެވެ. އެ ބައްޔަށް ރާއްޖެއިން ބޭރުންވެސް ގިނަ ދުވަސްތަކަކު ފަރުވާ ހޯއްދެވިއެވެ. މިނިސްޓަރުކަމާ އޭނާ ހަވާލުވެވަޑައިގެންނެވީ ހާލަތު ތަންކޮޅެއް ރަނގަޅުވުމާ ގުޅިގެންނެވެ.