ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑެތި ޕްރޮޖެކްޓުތަކެއް މިމަހުގެ ތެރޭގައި އިއުލާން ކުރަނީ

އަލީ ޔާމިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް މިމަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން އިމާރާތް ކުރުމުގެ ދާއިރާއާބެހޭ ގޮތުން މިއަދު ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން ހުޅުމާލޭ ފޭސް ދޭއްގެ ބޮޑެތި ޕްރޮޖެކްޓްތައް އިއުލާން ކުރާނެ ކަމަށާއި އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ސިވިލް މަސައްކަތްތަކާއި، އިމާރާތް ކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

އެގޮތުން ސިވިލް މަސައްކަތްތަކުގެ ތެރޭގައި، ޓޫރިޒަމް ޒޯން ވަކިކުރުމާއި ވަކި ހާބަރެއް ގާއިމުކުރުން ފަދަ ޕްރޮޖެކްޓްތައް ހިމެނޭ ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި ސިވިލް މަސައްކަތްތައް އަންނަ ހަފުތާގެ ތެރޭގައި އިއުލާނުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސިވިލް މަސައްކަތްތައް އަންނަ ހަފުތާގެ ތެރޭގައި އިއުލާނުކުރެވިގެންދާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ. މިއީ ދިވެހި ކޮންޓެކްޓަރުންނާއި، ބޭރުގެ ކޮންޓެކްޓަރުންނަށްވެސް ލިބިގެންދާނެ ފުރުސަތެއް،" ސުހައިލް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް މިމަހުގެ ތެރޭގައި އިއުލާން ކުރަން ނިންމާފައިވާ އިރު، މިއަހަރުގެ ތެރޭގައި އެ ފިޔަވަހިން އަމިއްލަ ފަރާތްތަކަށް ބިން ވިއްކާނެ ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.