ޚަބަރު

ފަލަސްތީނުގެ އިތުރު ބިންތަކެއް އިސްރާއީލުން ހިފުމަށް ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިސްރާއީލުން އަނެއްކާ ވެސް ހިފުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެކަން ކުށްވެރިކުރެއްވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ސައޫދީ އަރަބިއްޔާއިން ރިޔާސަތު ބެލެހެއްޓި މި ވާޗުއަލް ބައްދަލުވުމަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް އިސްރާއީލުން ހިފައި، އެގައުމުގެ ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންދާތީ، އެކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިސްރާއީލުން ހުޅަނގުގެ އައްސޭރީގެ އިތުރު ބިންތަކަކަށް ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އިސްރާއީލުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

ހާއްސަކޮށް ކޮވިޑް 19ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތްކުރަމުން އަންނަ މި ދަނޑިވަޅުގައި، އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ ކަމަށާއި އަދި އިސްރާއީލުގެ މިއަމަލަކީ ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވަނީ، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮންނަ އޮތުން ހުއްޓުވުމާއި ކުރިއަށް އޮތްތަނުގައި އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމަށްޓަކައި އދ. އިން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފައެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އަބަދުވެސް ގަބޫލުކުރަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުންކަން ފާހަގަކުރައްވައި ރާއްޖެއިން ދެކޭ ގޮތް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ތަކުރާރުކުރައްވައިފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށާއި އެކަން ހާސިލުކުރެވޭނީ އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވަނީ، ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހަ އަދި މިނިވަންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް ގޮވާލައްވައިފައެވެ.