ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފުތާގައި 30.9 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.
ކޮރަޕްޝަނަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑާ ގުޅިގެން ކުރާ ހަރަދު ކޮންމެ ހަފުތާއަކު އާންމު ކުރަމުންނެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ (ޖޫން 4) ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއެކު ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި ހަރަދުކުރި 30 މިލިއަން ރުފިޔާއާއެކު މިހާތަނަށް ކުރި ހަރަދު ވަނީ 923 އަށް އަރައިފައެވެ. މިއީ އޭގެ ކުރީ ހަފުތާއަށްވުރެ 3.5 ޕަސެންޓް އިތުރުވުމެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި ކުރި ހަރަދުގެ 92 ޕަސެންޓް ހަރަދުކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެެގޮތުން އެ އޮތޯރިޓީން ޖުމުލަ 27.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ދެން އެންމެ ބޮޑެތި ހަރަދުތަކެއް ކުރީ ހެލްތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ހަރަދުކުރި އިރު، ޕްލޭނިން މިނިސްޓްރީން ވެސް ވަނީ މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެ ދެ މިނިސްޓްރީން މިދިޔަ ހަފުތާގައި ކުރި ހަރަދަކީ މެޑިކަލް ކޮންސިއުމަބަލްސް ގަތުމަށާއި ކޮވިޑް 19އާ ގުޅުންހުރި ފެސިލިޓީތައް އިމާރާތް ކުރުމަށް ކުރި ހަރަދުތަކެއް ކަމަށެވެ.
މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން ކުރި ހަރަދަށް ބަލާއިރު މިދިޔަ ހަފުތާގައި އެމްއެންޑީއެފުން ނުވަ ލައްކަ ރުފިޔާ، ފޮރިން މިނިސްޓްރީން އެއް ލައްކަ ރުފިޔާ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތިން ލައްކަ ރުފިޔާ އަދި ނެޝަނަލް ޑުރަގް އެޖެންސީން އިތުރަށް އެއް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ނަމަވެސް ޖެންޑާ މިނިސްޓްރީން މީގެ ކުރީ ހަފުތާގައި ކުރި ކަމަށް ބުނެފައިވާ ހަރަދުން ފަސް ލައްކަ ރުފިޔާ ވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީން 1.3 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ބުނެފައިވީ ނަމަވެސް މިދިޔަ ހަފުތާގެ ނިޔަލަށް ކުރި ހަރަދު ވަނީ އަށް ލައްކައަށް ވެއްޓިފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ޒަކާތު ފަންޑުންނާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުންނާއި ޑިޒާސްޓާ މެނޭޖްމަންޓް ފަންޑުންނާއި ފުލުހުންނާއި އެންސްޕާ އަދި އައިޖީއެމްއެޗުން އިތުރު އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް އިކޮނޮމިކް ރިލީފް ޕެކޭޖު (އީއާރުޕީ) އަދި އިންކަމް ސަޕޯޓް ސްކީމުގެ ތެރެއިން 302 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރިކަވަރީ ލޯން ސްކީމުގެ ދަށުން ބޭންކުތަކަށް ދޫކުރި 300 މިލިއަން ރުފިޔާ އާއި އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކުރި ދެ މިލިއަން ރުފިޔާއެވެ.