ވޮލީ ބޯލް

"ރުމާލު 2" ޖަގަހަ ހުރި ބިމުގައި ވަގުތީ ވޮލީ ކޯޓުތަކެއް އެޅުމުގެ މަސައްކަތް ކުރަނީ

އަލީ ޔާމިން

"ރުމާލު 2" ޖަގަހަ ހުރި ބިމުގައި ވަގުތީ ވޮލީ ކޯޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރުމަވަންތަ ސްކޫލު އެޅުމަށް ވޮލީ ކޯޓުތައް ނަގަން ޖެހުމާ ގުޅިގެން ވަގުތީ ގޮތުން ތިން ވޮލީކޯޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ރުމާލު 2" ހުރި ބިމުގެ ފޮޓޯއެއް ހިއްސާކުރައްވައި މިނިސްޓަރު ވިދާޅުވީ، ވޮލީއަށް ހާއްސަކުރެވިފައިވާ އެބިމުގައި ފެންވަރު ރަނގަޅު އިންޑޯ ކޯޓުތަކެއް ވީ އެންމެ އަވަހަކަށް އެޅުމަށް ރޭވިފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، ވަގުތީ ކޯޓުތަކުގެ މަސައްކަތް ހަފުތާއެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް އިންޑޯ ކޯޓުތަކުގެ މަސައްކަތް ފެށޭނީ ކޮވިޑުގެ ކަންކަން ހަމަޔަކަށް އެޅުމުން ކަމަށެވެ.

"ވަގުތީ ކޯޓުތަކުގެ މަސައްކަތް އަޅުގަނޑުމެން މިބަލަނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް،" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ހުރިހާ ކުޅިވަރެއްވެސް ކުރިއެރުވުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި ކުޅިވަރުގެ ރޮނގުން މީހުން ބިނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ވަގުތީ ވޮލީ ކޯޓުތައް އަޅާ ހުސްބިން---