ކޮވިޑް 19އާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިފިއެވެ.
ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ 50 ޕަސެންޓް ކުރިން ދެނީ ޑޮލަރުންނެވެ.
ނަމަވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް މިއަދު ނެރުނު އިންޓާނަލް ނޯޓިސްއެއްގައި ބުނީ، ކޮވިޑް 19ގެ ސަބަބުން އެކުންފުންޏަށް ލިބެމުން އަންނަ މާލީ ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާއި ބޭރު ފައިސާ ލިބުމުގެ ދަތިތައް ހުރުމާއެކު ކުންފުނީގެ ބޯޑުގެ ލަފާގެ މަތިން މިމަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ރުފިޔާ އިން ކަމަށް ނޯޓިސްގައި ބުނެފައިވެއެވެ.
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ދިވެހި ރުފިޔާއިން ދޭން ނިންމިއިރު މިމަހުން ފެށިގެން ބައެއް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އެހެންކަމުން މިހާލަތުގައި ހަރަދުތައް ވީހާވެސް ކުޑަކުރުމަށާއި މުސްތަގުބަލުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވެ ތިބުމަށް ހުރިހާ މުވައްޒަފުންނަށް އެމްއޭސީއެލުން ވަނީ އިލްތިމާސްކޮށްފައެވެ.