ޚަބަރު

އިންޑިއާގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި

އައިދާ އަބްދުލް ހަކީމް

އިންޑިއާގެ 200 މީހަކު އަނބުރާ ގައުމަށް ފޮނޮވާލައިފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނީ އެ އެއާލައިންގެ ރެސްކިއު ދެ ފުލައިޓެއްގައި އިންޑިއާގެ 200 މީހަކު އިންޑިއާގެ ޗެންނާއި އަދި ޓްރިވެންޑްރަމަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެ އެއާލައިނުން ބުނީ އިންޑިއާގެ ޓްރިވެންޑްރަމަށް 118 މީހަކު ގެންގޮސްފައިވާ އިރު، ޗެންނާއިއަށް 82 މީހަކު މިއަދު ގެންގޮސްދީފައިވާ ކަމަށެވެ.

އިންޑިއާގެ ސަރުކާރުގެ އެހީގައި މިދިޔަ މަހު ވެސް އިންޑިއާގެ ގިނަ ރައްޔިތުންތަކެއް ވަނީ އަނބުރާ ގައުމަށް ގެންގޮސްފައެވެ. ތިން މަނަވަރެއްގައި ރާއްޖޭގައި ތިބި އިންޑިއާގެ ޖުމްލަ 1488 މީހަކު ފުރުވާލާފައިވާ އިރު، އެއާ އިންޑިއާގެ ފުލައިޓެއްގައި 153 މީހަކު ވަނީ ފުރުވާލައިފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތައް ވެސް ދިވެހި ސަރުކާރުން ވަނީ ފަށައިފައެވެ، އެގޮތުން އެ މަސައްކަތުގެ ދަށުން މިހާތަނަށް ބަންގުލަދޭޝްގެ 1000 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ވަނީ ފޮނުވާލައިފައެވެ.

ކޮވިޑް 19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބިދޭސީންގެ ތެރެއިން ހާލުގައި އުޅޭ މީހުން އަނބުރާ ގައުމަށް ފޮނުވާލުމާއި ގިނަ މީހުން އެއްތަނެއްގައި ދިރިއުޅޭ ނަމަ، ވަގުތީ ފެސިލިޓީތަކަށް ގެންދިއުން ހިމެނެއެވެ.