ޚަބަރު

ހުޅުމީދޫ ބަހާއުދީން މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

މަރިޔަމް ޝަހުދާ

ސ. ހުޅުމީދޫ ބަހާއުދީން މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި 2.2 ކިލޯ މީޓަރުގެ މިމަގުގައި ތާރު އެޅުމުގެ މަސައްކަތަކީ 42.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

އެގޮތުން ހުޅުމީދޫ ބަހާއުދީން މަގުގައި ތާރު އަޅާފައިވަނީ 50 މިލިމީޓަރު ބޯމިނަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި ތާރު އެޅުމުގެ މަސައްކަތް ނިންމާލުމަށްފަހު މިހާރު ކުރިޔަށް ދަނީ މި ޕްރޮޖެކްޓު އެއްކޮށް ނިންމާލުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓުގައި މަގު ހެދުމުގެ އިތުރުން، ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމް ހަރުކުރުމުގެ މަސައްކަތާއި، މަގުގައި ޕޭވްމަންޓު، ކަފިހި ހުރަސް އަދި ސްޕީޑް ބްރޭކާ ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މިދިޔަ އަހަރު މާޗް މަހު އެކުންފުންޏާއި ހަވާލު ކުރި މި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އޮގަސްޓު މަހުގެ 30ގައި ކަމަށް ލަފާ ކުރެވެއެވެ.