ޚަބަރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިހާރު 7 މީހަކަށް ފަރުވާ ދެމުންދޭ: މަބްރޫކް

އައިދާ އަބްދުލް ހަކީމް

ކޮވިޑާ ގުޅިގެން ފަރުވާދޭން ޖެހޭ މީހުން ބައިތިއްބަން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގައި ހަތް މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ އެތަނުގައި ހަތް މީހަކަށް ފަރުވާ ދެމުން އަންނައިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ. ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރިމައްޗަށްވާ ގޮތަށް ތަރައްގީކުރި ފެސިލިޓީގައި ކޮވިޑު ޖެހިގެން އެންމެ ހާލު ދެރަވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާނެ އައިސީޔޫއާއި ވެންޓިލޭޓަރު ފަދަ ވަސީލަތް ވަނީ ގާއިމުކޮށްފައެވެ.

މި ފެސިލިޓީއަށް އެންމެ ފުރަތަމަ ބަލިމީހަކު ގެންގޮސްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. މި ފެސިލިޓީގެ ހިދުމަތް ދޭން ފަށާފައިވާ އިރު، އެތަނުގައި ސިއްހީ އާލާތްތައް އިންސްޓޯލްކޮށް ފެސިލިޓީ އެއްކޮށް ނިންމީ މިދިޔަ ހަފްތާގައެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވަނީ އެތަނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއުޕްމެންޓް (ޕީޕީއީ) ވެސް ސަޕްލައިކޮށް ނިންމައިފައެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް ކޮވިޑަށް ފަރުވާދިނުމަށް ހާއްސަ ސެންޓަރުތަކެއް ތަރައްގީކުރަމުންނެވެ.