މަދިރި އުފެދޭ ގޮތަށް ހުންނަ ސައިޓުތައް ހަފްތާއަކު އެއް ފަހަރު އާންމު ކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝިފާ ވިދާޅުވީ ހަފްތާއެއްގެ މައްޗަށް 40 ވަރަކަށް ކޮންސްޓްރަކްޝަން ސައިޓު މާލެ ސިޓީ ކައުންސިލުން ބަލާ ކަމަށެވެ. އަދި މި ތަންތަނަށް ކްލޮރިން އަޅަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިހާރު ކައުންސިލުން ވަނީ މަދިރި އުފެދޭ ގޮތަށް ހުންނަ ސައިޓުތައް އާންމުކުރުމަށް ނިންމާފައި ކަމަށާއި މިހެން ކަންކުރަން ޖެހެނީ ގޭގެ ވެރިފަރާތާއި އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުވާ މީހުން ކޮންސްޓްރަކްޝަން ސައިޓު ބެލެހެއްޓުމަށް ސިޓީއެއްގައި ސޮއި ކުރާތީ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
މިސިޓީގައި ސޮއިކުރުމުން ކޮންސްޓްރަކްޝަން ސައިޓުގައި މަދިރި ނުއުފެދޭ ގޮތަށް ތަން ބެލެހެއްޓުމަށް އެއްބަސް ވެވޭ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ސައިޓުގެ މަސައްކަތް ކުރާ ކުންފުނީގެ ނަން ފެންނަ ބޯޑެއްވެސް ސައިޓުގައި ބެހެއްޓުމަށް އެ ސިޓީގައި ވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވި މި ކަންކަން އެއްބަސްވެފައިވާ ގޮތުގެ މަތިން ކުރަމުން ގެންދާކަން ބެލުމަކީ ގޭގެ ވެރިފަރާތުގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ގޭގެ ވެރިފަރާތުންވެސް އެކަންކަން ބަލައި ޗެކު ކުރުމަށްފަހު، ގޭގެ މަސައްކަތް ކުރާ މީހުންނަށް ކަންކަން ރަނގަޅުކުރުމަށް އަންގަން ޖެހޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުން މި ކަންކަން ރަނގަޅު ކޮށްފި ނަމަ އާންމު ރައްޔިތުންނަށް ދިމާވާ މަދިރީގެ އުނދަގުލާއި، މަގުމަތި ހަޑިވުމާއި އަދި ސައިޓުން ތަކެތި ވެއްޓުން ފަދަ ކަންކަމުން ސަލާމަތްތެރިކަން ލިބޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވަނީ މާލޭގެ މަގުތަކުގައި ކުނި ޖަމާވާ ގޮތްގޮތަށް ބަހައްޓާ މައްސަލަ އާއި ގުޅިގެންވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން މާލޭގެ ގިނަ ބިންތައް ނިސްބަތްވަނީ ބޮޑެތި ކުންފުނިތަކަށް ނޫނީ ސަރުކާރުގެ އިދާރާތަކަށް ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި އެ އިދާރާތަކާއި ކުންފުނިތަކުން ނިސްބަތްވާ ބިންބިމުގައި ކުނި ޖަމާވާނެ ގޮތަށް ނުބެހެއްޓުމަކީ ސިޓީ ކައުންސިލްގެ އެދުމެއް ކަމަށް ޝިފާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަޅު ގޯތި ތަކަކީވެސް ކޮންމެވެސް ވެރިފަރާތެއް ވާ ތަންތަންކަމަށް ޝިފާ ފާހަގަކުރެއްވިއެވެ. މިފަދަ ފަޅު ގޭގެ ބެލެހެއްޓުމަކީ އެ ގެތަކުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.