މާލޭ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުން ހުއްޓުވައިފައި ވަނީ އެންމެ ނުރައްކާވާނެހެން ހީވާ މަސައްކަތްތައް އެކަނި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ހަމްނާ ވަހީދު ވިދާޅުވީ އިމާރާތްތަކުގެ މަތީގަ އާއި އިމާރާތުގެ ބޭރަށްވާ ގޮތަށް ކުރާ މަސައްކަތްތަކާއި ވާ ޖަހައިގެން ކުރަން ޖެހޭ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.
"އެހެންނަމަވެސް އިމާރާތުގެ އެތެރޭގައި ކުރާ މަސައްކަތްތައް ކަމަށްވާ ޝީޓް އެޅުމުގެ މަސައްކަތްތަކާއި އެނޫންވެސް އެހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ވާނީ ދީފައި،" ހަމްނާ ވިދާޅުވިއެވެ.
ހަމްނާ ވިދާޅުވީ މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލާފައި ނުވަނީ އޭގެ ސަބަބުން ބޮޑެތި ދަތިތައް ގިނަ ފަރާތްތަކަށް ކުރިމަތިވާނެތީ ކަމަށެވެ.
ހަމްނާ ވިދާޅުވީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އިމާރާތްކުރާ ސައިޓުތަކަށް ކައުންސިލަރުން މިއަދު ޒިޔާރާތްކޮށް އެ ސަރަހައްދުތަކުގައި ހުރި މައްސަލަތައް ބަލަން ފަށާނެ ކަމަށެވެ. އަދި އެގޮތުން މިއަދު އެ މަސައްކަތް ފަށާނީ މާލެއިން ކަމަށް އޭނާ ވިދާޅުވިއެވެ.