ޚަބަރު

ފުލުހުންގެ ހިދުމަތް ރިފޯމު ކުރުމުގެ ބަހުސް ކުރަން މިއީ ރަނގަޅު ވަގުތެއް: ހަމީދު

އަލީ ޔާމިން

1

މިވަގުތަކީ ރާއްޖޭގެ ފުލުހުންގެ ހިދުމަތް ރިފޯމު ކުރުމާއި ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމުގެ މައުޟޫއަށް ބަހުސް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި ފުލުހުންގެ ހިދުމަތުގެ ބިލެއް މަޖިލީހަށްވެސް ވަނީ ހުށަހަޅައިފައެވެ.

ކޮމިޝަނަރު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕުލުހުންގެ ހިދުމަތުގެ ބިލެއް ހެދުމުން ފެނިގެންދަނީ ފުލުހުންގެ ނިޒާމު ޑިމޮކްރަޓައިޒްކޮށް ޒަމާނާ އެއްގޮތަށް ފެއްތުމަށް ބޮޑު އަހައްމިއްޔަތެއް ދޭކަން ކަމަށެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ފުލުހުންގެ ހިދުމަތުގެ ބިލާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވާހަކަދައްކަވައިފައެވެ. އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް، ފުލުހުން ރިފޯމު ކުރަން މުހިއްމު ވަގުތެއް ކަމަށާއި މަޖިލީހަށް ހުށަހެޅިފައިވާ ބިލު ގާނޫނަކަށް ވާއިރު ފުލުހުންގެ އިދާރާގެ ކަންކަން ތަރުތީބު ކުރެވި، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަށް ފުލުހުންގެ ކަންކަން ފުރިހަމައަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ.

މީގެ އިތުރުން މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ތައާރަފުކުރުމަކީވެސް އެ ބިލް ހުށަހެޅުމުގެ މަގުސަދެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟