ޚަބަރު

ނިއު ނޯމަލްގައި ސްކޫލުތައް: އައިސޮލޭޓް ކުރަން ހާއްސަ ތަނެއް، ދުވާލަކު 2-4 ފަހަރު ޑިސްއިންފެކްޓް ކުރަންޖެހޭ

ކޮވިޑް 19ގެ ނިއު ނޯމަލްގައި ސްކޫލުތައް އަލުން ހުޅުވާލާއިރު ކުއްލި ހާދިސާތަކުގައި ހަރަކާތްތެރިވާނެ ހާއްސަ ޓާސްކުފޯހެއް ސްކޫލުތަަކުގައި ހަދައި، ބަލީގެ އަލާމާތެއް ހުންނަ ދަރިވަރުން އައިސޮލޭޓް ކުރުމަށް ވަކި ހާއްސަ ތަނެއް ހުންނަންޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ނިއު ނޯމަލް ގައިޑްލައިނުގައި ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާގައި ވަނީ، ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވުމަށް އަންގައިފައެވެ. އަދި ސްކޫލްތަކުން އަމަލުކުރަންޖެހޭ އިރުޝާދުތަކެއް އެކުލަވާލައިފައިވެއެވެ.

އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތުން، ސްކޫލުތައް އަލުން ހުޅުވާލާއިރު އަމަލުކުރަންޖެހޭ ސްކޫލުގެ ޕްރިންސިޕަލާއި މެނޭޖްމަންޓް ޓީމުން ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް ތައްޔާރުކޮށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަންޖެހޭނެ ކަމަށެވެ. އަދި އެ ގައިޑްލައިނަށް ބަލައިގެން ސްކޫލުތަކުން އަމިއްލަ ގައިޑްލައިންތަކެއް ހަދައި ހިއްސާ ކުރެވޭނެއެވެ.

އޭގެ އިތުރުން ދިމާވާ ކުއްލި ކަންކަމުގައި ހަރަކާތްތެރިވުމަށް ސްކޫލުގެ މުވައްޒަފުން ހިމެނޭ ގޮތަށް ޓާސްކު ފޯހެއް ހަދަންޖެހެއެވެ.

ދަރިވަރުން ސްކޫލަށް ރިޕޯޓްކުރުމުގެ ކުރިން ދަރިވަރުންނާއި މުވައްޒަފުންގެ ތެރެއިން ކޮވިޑް 19 ޖެހުނު މީހުން ނުވަތަ ޑައިރެކްޓް ކޮންޓެކްޓުވި މީހުން ނުވަތަ ކުރިން ކަރަންޓީންކުރި މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރާ ބައްޔެއް ހުރި ކުދިން ދެނެގަންނަން ޖެހެއެވެ. އަދި އެފަދަ ދަރިވަރުން ސްކޫލަށް ފޮނުވުމުގެ ކުރިން ޑޮކްޓަރެއްގެ ލަފައެއް ހޯދަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ގައިޑްލައިނުގައި ބުނެފައިވާ ގޮތުން، ސްކޫލުގެ ޓީޗަރުންނާއި ހެލްތު އެސިސްޓަންޓުންނާއި ސަޕޯޓް ސްޓާފުން އަދި އޮފީސް ސްޓާފުން މާސްކާއި އަންގި ބޭނުން ކުރަންޖެހޭނެއެވެ. އަދި ހެލްތު އެސިސްޓަންޓުން ފޭސް ޝިލްޑު ބޭނުން ކުރަންޖެހޭއިރު ސަޕޯޓް ސްޓާފުން ޕީޕީއީ ބޭނުން ކުރަންޖެހެއެވެ.

ދަރިވަރުން ސްކޫލަށް އައުމާއި ސްކްރީން ކުރުން:

ގައިޑްލައިނުގައި ބުނެފައިވާ ގޮތުން ދަރިވަރުން ސްކޫލަށް އައުމުގެ 15 މިނެޓް ކުރިން މުވައްޒަފުން ސްކޫލަށް ހާޒިރުވާންޖެހެއެވެ. އަދި ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ބަލަންޖެހޭއިރު ބަލީގެ އަލާމާތަކާއެކު ޓެމްޕަރޭޗާ 37 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތިނަމަ އެ ދަރިވަރަކު އައިސޮލޭޓްކޮށް، ސިއްހީ އިދާރާތަކުގެ ލަފަޔަކަށް އެދެންޖެހެއެވެ.

އުމުރުން ދެ އަހަރުން ދަށުގެ ކުދިންނާއި ނޭވާލުމުގެ މައްސަލަތައް ހުންނަ ކުދިން އަދި ވަރުދެރަ ނުވަތަ އެހެން މީހެއްގެ އެހީތެރިކަމާއެކު މާސްކު ނައްޓާނުލެވޭ ކުދިން މާސްކު އަޅާކަށް ނުޖެހެއެވެ. ނަމަވެސް މާސްކު އަޅަންޖެހޭ ކުދިން ކޮންމެ ދުވަހަކު ވެސް ބޭނުންކުރަންވާނީ އާ މާސްކެއް ކަމަށާއި އަދި ކުއްޖާ ސްކޫލަށް އަންނައިރު އިތުރު މާސްކެއް ގެންނަންޖެހޭނެ ކަމަށް ވެސް ގައިޑްލައިނުގައިވެއެވެ.

ގައިޑްލައިނުގައި ބުނެފައިވާ ގޮތުން، ކޯޑިނޭޝަން ބައްދަލުވުންތަކާއި ބެލެނިވެރިންގެ ބައްދަލުވުންތައް އަދި އެހެނިހެން ވެސް ބައްދަލުވުންތައް ކުރިއަށް ގެންދަންޖެހޭނީ އޮންލައިންކޮށެވެ. އަދި އެއްވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ވެސް ބާއްވަންޖެހޭނީ ގައިދުރުކަމަށް އިސްކަންދީގެން އެ އުސޫލުގެ ތެރެއިން ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ހާއްސަ އެހީތެރިކަަމަށް ބޭނުންވާ އާއިލާތަކުން އަންނަ ކުދިން ދެނެގަނެ އެކުދިންނަށް ސްކޫލުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭއިރު ދަރިވަރުން ސްކޫލަށް އައުމުގައި ރަސްމީ ޔުނީފޯމުގެ ބަދަލުގައި ސްޕޯޓްސް ޔުނީފޯމުގައި އައުމުގައި ލުއިތަކެއް ދޭންވާނެ ކަމަށް ވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.

ގައިޑްލައިނުގައި އިތުރަށް ބުނެފައިވަނީ، އެއްވުންތައް ބޭއްވުން ސްކޫލަތައް ކުއްޔަށް ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އަދި އެފަދަ ކަމަކަށް ކުއްޔެއްދޭއިރު މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭނެ ކަމަށެވެ. އަދި އެއްވުމެއް ބޭއްވުމަށްފަހު އެތަނެއް ޑިސްއިންފެކްޓް ކުރުމަކީ ކުއްޔަށް ނަގާ ފަރާތުން ޒިންމާއެއް ކަމަށް ވެސް ބުނެފައިވެއެވެ.