ޚަބަރު

ސައިޓުތަކުގެ މައްސަލައާ ގުޅިގެން ހައުސިން އާއި ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން ހުށަހަޅައިފި

2

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ސައިޓުތަކުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މައްސަލައާ ގުޅިގެން ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރުމަށް ވަކީލުންތަކެއް ހުށަހަޅައިފި އެވެ.

ދައުވާ އުފުލުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގައި ލޯ ޕްރެކްޓިސްކުރާ ދެ ފާރމް ކަމަށްވާ "ވިޝަމް އެންޑް ކޯ" އާއި "ރިޒާ، ޝަފީނާޒް އެންޑް ކޯ"ގެ އިތުރުން ތިން ގާނޫނީ ވަކީލުން ގުޅިގެންނެވެ.

އެފަރާތްތަކުން ބުނެފައި ވަނީ ހައުސިން އާއި ސިޓީ ކައުންސިލް އާ ދެކޮޅަށް ދައުވާ ކުރުމަށް ހުށަހަޅާފައިވަނީ އަސާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެފަރާތްތައް ނުކުޅެދިފައިވުމާ ގުޅިގެން ކަމަށެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިޝާމް އެންޑް ކޯގެ ޕާޓްނަރެއް ކަމަށްވާ މުހައްމަދު ޒާހިރު ވިދާޅުވީ އެ މައްސަލައަކީ އާންމުންގެ މަސްލަހަތާ ގުޅޭ މައްސަލައެއް ކަމަށެވެ.

"އާންމުންގެ މަސްލަހަތާ ގުޅޭ ގޮތުން އިމާރާތްކުރުމުގެ ސައިޓުތަކުން އާންމުންގެ ރައްކާތެރިކަމަށް ބަލައި މައްސަލައެއް ހުށަހެޅުމަށް މަޝްވަރާކުރާތާ ދުވަސްކޮޅެއް ވެއްޖެ،" ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ އިތުރުން އިމާރާތްކުރުމުގެ ހުރިހާ ސައިޓުތަކެއް ވަގުތީ ގޮތުން ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރުމަށް އެދިފައިވާ ކަމަށެވެ.

އެގޮތުން ސައިޓުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ކުރަން ޖެހޭ ހުރިހާ އިންސްޕެކްޝަނެއް ނިމެންދެން އެތަންތަނުގެ މަސައްކަތް ހުއްޓާފައި ބެހެއްޓުމަށް ވެސް އެދިފައިވާނެ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟