ޚަބަރު

ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ކޮމަންވެންތާ ހިއްސާކޮށްފި

އަލީ ޔާމިން

ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ކޮމަންވެންތާ ހިއްސާކޮށްފިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކޮމަންވެންތުން އިސްނަގައިގެން ކުރިއަށްގެންދިޔަ ވެބިނާގައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒް ފައިޒަލް ވަނީ ރާއްޖެއިން ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ހުލާސާއެއް ބައްދަލުވުމުގެ ބައިވެރިންނަށް އަރުވައިފައެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ސިންގަލްޔޫސް ޕާސްޓިކް ބޭނުންކުރުން ހުއްޓާލެވިފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއެކު ކުރެވެމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް އަރުވައިފައެވެ.

މީގެ އިތުރުން ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވަމުންދާ ގައުމެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށް ޑރ. ފަރަހަނާޒް ވިދާޅުވިއެވެ.

ޑރ. ފަރަހަނާޒް ވަނީ އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ 20 އިންސައްތަ ހިމާޔަތްކުރުމަށް ރައީސް ސޯލިހުގެ އިސްނެންގެވުމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލުތައް ވެސް ބައިވެރިންނަށް އަރުވައިފައެވެ.

މި ވެބިނާގައި ކޮމަންވެންތުގެ މެންބަރު ބައެއް ގައުމުތަކުންނާއި، ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ބައެއް ކުންފުނިތަކާއި ޖަމިއްޔާތަކުންވެސް ބައިވެރިވެފައިވެއެވެ.