އަލީ ޔާމިން
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭޑީބީ)ގެ ހިލޭ އެހީއާ ލޯނު އެހީގެ ދަށުން ތިލަފުށީގައި ހަދާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް އަހުމަދު މުރުތަޟާ "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ވޭސްޓް މެނޭޖުމެންޓް ފެސިލީޓި ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކައި އެހެނިހެން މަސައްކަތްތައްވެސް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ ފިޔަވަހީގެ ބިން ހިއްކައި، ކޮންކްރީޓްގެ ބައެއް މަސައްކަތް މިހާރު ވަނީ ނިންމާލެވިފައި،" މުރުތަޟާ ވިދާޅުވިއެވެ.
މުރުތަޟާ ވިދާޅުވީ، އެ ޕްރޮޖެކްޓަކީ އޭޑީބީގެ ލޯނު އެހީއާއި ހިލޭ އެހީގެ ދަށުން 151 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަަށްގެންދާ ޕްރޮޖެކްޓެއް ކަމަށާއި، ފައިސާގެ ކަންކަމުގެ މަޝްވަރާތައް މިއަދު އޭޑީބީއާއެކު ނިންމާލައިފައިވާ ކަމަށެވެ.
ވޭސްޓް މެނޭޖުމަންޓް ފެސިލީޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށޭނެ ކަމަށް މުރުލަޟާ ވިދާޅުވި އިރު، އެ ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި އޮތީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ޕްރޮސެސް ކުރެވޭ ވަރުގެ ޕްލާންޓެއް ގާއިމުކުރާނެއެވެ. އަދި ދުވާލެއްގެ މައްޗަށް އަށް މެގަވޯޓުގެ ކަރަންޓު އެ ފެސިލިޓީން އުފެއްދޭނެ ކަމަށް މުރުތަޟާ ވިދާޅުވިއެވެ.