ޚަބަރު

ޝަރީއަތްތައް ލައިވްކުރަން ފެށުމަކީ ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ ހޯދި ކުރިއެރުމެއް: މިނިސްޓްރީ

އަލީ ޔާމިން

މީސްމީޑިއާއިން އާންމުކޮށް ފެންނަ ގޮތަށް ޝަރީއަތް ބާއްވަން ފެށުން އެއީ ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ ހާސިލުކުރި ކުރިއެރުމެއް ކަމަށް މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން ބުނެފިއެވެ.

ދިވެހިރާއްޖޭގައި މީސްމީޑިއާއިން އާންމުކޮށް ފެންނަ ގޮތަށް ބޭއްވި ފުރަތަމަ ޝަރީއަތް، ރާއްޖޭގެ ސްޕްރީމް ކޯޓުގައި 1 ޖޫން 2020ގައި ވަނީ ބާއްވައިފައެވެ. އަދި ހައިކޯޓުގައި މިފަދަ ފުރަތަމަ ޝަރީއަތް 7 ޖޫން 2020 ގައި ބާއްވާފައިވެއެވެ.

ކޮމިޔުނިކޭޝަން މިނިސްޓްރީން ބުނީ މި ޝަރީއަތްތައް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޖުޑީޝަރީއާ ދެމެދު ވީޑިއޯ ލިންކް ގާއިމްކުރެވިފައިވަނީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އެހީތެރިކަމާއެކު ގައުމީ ކޮމްޕިއުޓާ ވިއުގަ މެދުވެރިކޮށް ކަމަށެވެ.

ދައުލަތުގެ އިދާރާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ އަވަސް އަދި ފުރިހަމަ ހިދުމަތްތައް ލިބިދިނުމަށް އެ މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ރާއްޖެ ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ގޮތުން ކުރެވެން ހުރި ހުރިހާކަމެއް އެ މިނިސްޓްރީން ކޮށްދޭނެ ކަމުގެ ޔަގީންކަންދޭ ކަމަށްވެސް ބުނެފައި ވެއެވެ.