ޚަބަރު

މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް، ރިފޯމުކުރަން މުހިއްމު ވަގުތެއް: މިނިސްޓަރު އިމްރާން

މަރިޔަމް ޝަހުދާ

މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް، ފުލުހުން ރިފޯމު ކުރަން މުހިއްމު ވަގުތެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ކުރިއަށްދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

މި ބިލު ގާނޫނަކަށް ވާއިރު ފުލުހުންގެ އިދާރާގެ ކަންކަން ތަރުތީބު ކުރެވި، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަށް ފުލުހުންގެ ކަންކަން ފުރިހަމައަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ފުލުހުންނަށް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު''ގެ ނަމުގައި ބިލެއް އެކުލަވާލައި، މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައެޅުމުގެ އިތުރުން ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހު ކުރުމަށް އެކުލަވާލާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. މި ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސާއި، އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތައް އަދި އެ ހިދުމަތާ ގުޅޭ އެނޫންވެސް ކަންކަން އަލުން ކަނޑައެޅޭނެއެވެ. އަދި ފުލުހުންގެ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގެ ކަންކަން ހަރުދަނާކޮށް މަގާމުގެ ޝަރުތުތަައް ކަނޑައަޅަން އޭޖީ އިން ވަނީ ހުށަހަޅައިފައެވެ.