ޚަބަރު

ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ވަމުން އަންނަ ތައްޔާރީތައް ފޭސްބުކް ލައިވް މެދުވެރިކޮށް ދައްކާލައިފި

މަރިޔަމް ޝަހުދާ

ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ރާއްޖެއިން ވަމުން އަންނަ ތައްޔާރީތައް ފޭސްބުކް ލައިވް މެދުވެރިކޮށް ދައްކާލައިފި އެވެ.

އެމްއެމްޕީއާރުސީން މި އިވެންޓު ކުރިޔަށް ގެންގޮސްފައިވަނީ "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ގެ ނަމުގައެވެ. އަދި މި އިވެންޓުގައި އެމްއެމްޕީއާރުސީގެ ޕާޓްނަރުންގެ ގޮތުގައި ޕީއެސްއެމް، އޯކާ މީޑިއާ ގްރޫޕް އަދި މޮންދު ޕްރޮޑަކްޝަން ބައިވެރިވިކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

އެގޮތުން ފޭސްބުކް ލައިވް މެދުވެރިކޮށް ލައިވް ކުރި ހަތަރު ގަޑިއިރުގެ މި އިވެންޓު ފެށުމުގެ ގޮތުން އެމްއެމްޕީއާރުސީގެ އެމްޑީ ތައްޔިބު މުހައްމަދު ވާހަކަ ދެއްކެވި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ތޮއްޔިބު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ޖެހުނު ނަމަވެސް ފަތުރުވެރިންނަށް އަލުން ރާއްޖެ ހުޅުވާލުމަށް ކެތްމަދުވެފައި ތިބި ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެއްވާ އެއްބާރުލުމަށް ތޮއްޔިބު ޝުކުރު އަދާ ކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް 19ގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ފަތުރުވެރިންނަށް އަރުވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މި އިވެންޓުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވާހަކަ ދެއްކެވިއެވެ. މިނިސްޓަރުގެ ވާހަކައިގައި ރާއްޖެއަކީ ހުރިހާ ގިންތިއެއްގެ ބަޔަކަށްވެސް ދުނިޔޭގައި އޮތް އެންމެ ހިތްގައިމު އެންމެ އަމާން ޖަޒީރާ މަންޒިލް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާއިރު ހުރިހާ އެންމެންނަށްވެސް މަރުހަބާ ކިޔުމަށް ތައްޔާރަށް ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޭސްބުކް ލައިވްކޮށް ކުރިޔަށް ގެންދިޔަ މި އިވެންޓުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ. މި ލައިވްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ދުނިޔެއަށް ހުޅުވާލުމަށް ވަމުން އަންނަ ތައްޔާރީތައް ދައްކާލާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި އިންވެންޓުގެ ތީމް ލަވަޔާއި މި އިވެންޓުގައި ބައިވެރިވި ފަންނާނުންގެ ހުށަހެޅުންތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ބެލުންތެރިންނަށް ކިޔައިދީފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ދިވެހި އުފެއްދުންތައް އުފައްދާ ބައެއް ވިޔަފާރަވެރިންނާއި އެހެނިހެން ފަންނާނުން އެމީހުންގެ ހުނަރާއި ޝުއޫރު މި ލައިވްގައި ހިއްސާ ކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ވަނީ މި އިވެންޓުގެ ތެރޭގައި ބެލުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ފުރުސަތުދޭ ކުއިޒެއް ކުރިއަށް ގެންގޮސްފައެވެ. މި ކުއިޒުގައި 10،000 ވަރަކަށް މީހުން ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓުހައުސްތައް ހިމެނޭ ގޮތަށް ގުރުއަތުން ހޮވުނު 30 މީހަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

މި އިވެންޓުގައި ނެގި ޕޯލެއްގައި %49 މީހުން މިހާރުވެސް ރާއްޖެއަށް އައުމަށް ދަތުރު ރާވަމުން އަންނަ ކަމަށް ދެއްކި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި %95 މީހުން ވަނީ ރާއްޖެއަކީ އެންމެ ރައްކާތެރި ފަތުރުވެރި މަންޒިލުކަމަށް ބުނެފައި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި އިވެންޓު 85،000 މީހުން ލައިވްކޮށް ބަލާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ކެމްޕެއިން ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ މެދުވެރިކޮށް 1.2 މިލިއަން މީހުންނަށް ފޯރުކޮށްދެވުނު ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.