ކޮވިޑް 19 އާ ގުޅިގެން ރައީސާއި ނައިބު ރައީސްގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ މީޑިއާ އޮފިޝަލް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލަޔަކީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތް ވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމަށް އެކޯޓުގެ ރެޖިސްޓްރާ ނިންމަވާފައިވާ ކަމަށެވެ.
ސްޕްރީމް ކޯޓަށް ހުށަހެޅި އެމައްސަލައިގައި ރައީސާއި ނައިބު ރައީސްގެ އިތުރުން މިނިވަން ބައެއް މުއައްސަސާތަކުގެ މުސާރަތައް ތިން މަހަށް ކުޑަކުރަން މިދިޔަ މަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބާތިލް ކުރުމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފައެވެ.
ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން އެ ބަދަލު ގެނެސްފައިވަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅާފައިވާ ގާނޫނު އިސްލާހު ނުކޮށްކަމަށް ވުމުން އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމުގައި ކަނޑައަޅައިދިނުމަށް ހަލީމް ވަނީ އެދިފައެވެ.
މީގެ އިތުރުން ހަލީމް ވަނީ މިނިވަން ބައެއް މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ވެސް ގާނޫނާ ހިލާފަށް ކަމަށް ބުނެ އެކަން ވެސް ބަލައިދިނުމަށް އެދިފައެވެ.
ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު އެއް ލައްކަ ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރައަކީ މަހަކު 75،000 ރުފިޔާ އެވެ. ނަމަވެސް އެގާނޫނަށް ބަދަލު ނުގެނެސް މަޖިލީހުން ނިންމީ ރައީސަށް މުސާރައިގެ ގޮތުގައި 65،000 ރުފިޔާ ލިބޭގޮތަށް އަދި ނައިބު ރައީސަށް 48،000 ރުފިޔާ ގޮތަށެވެ.