ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާއަށް އިންޑިއާ ސަރުކާރުން ހޫނު މަރުހަބާއެއް ދަންނަވައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިޔާ ސަރުކާރުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް އަރާވަޑައިގަތުމުން ދެގައުމުގެ ގައުމީ ސަލާން ކުޅުނު ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެއިތުރުން އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތައާރުފުކޮށް އެރުވުމާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން އިންޑިއާގެ ރައީސަށް ތައާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތް ކަމަށް ރައީސް އޮފީހުން މައުލުމާތު ދީފައިވެއެވެ.

ރާޝްތުރަޕަތީ ބަވަނުގައި އޮތް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަހާތުމާ ގާނދީގެ މަޤްބަރާ ރާޖްގަޓަށް ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.