ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ހެދި ވީޑިއޯއަށް ހޭދަވީ 3000 ރުފިޔާ: އަލީ ވަހީދު

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ހާލަތުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖެ ބަންދު ކުރުމަށްފަހު ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށް ތައްޔާރުވުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރި ޕްރޮމޯޝަނަލް ވީޑިއޯ ހެދުމަށް ހޭދަވީ 3000 ރުފިޔާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ނޫހަކުން މި ވީޑިއޯއަށް ހަރަދުވި މިންވަރު ބެލުމަށް ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެޔަށް ޖަވާބުދާރީވެވަޑައިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މި ވީޑިއޯއަކީ ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފައިސާ ދައްކާފައިވަނީ މި ވީޑިއޯގައި ބޭނުން ކުރި މިއުޒިކް ކޮމްޕޯސަރަށް އެކަނި ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއުޒިކް ކޮމްޕޯސަރަށް ދެއްކުމަށް ނިންމާފައިވަނީ 3000 ރުފިޔާ ކަމަށެވެ. އަދި އެއީ 149 ޑޮލަރު ކަމަށާއި، އެއީ މުޅި މި ވީޑިއޯގެ މަސައްކަތައް ހަރަދުވި މިންވަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ މި ޕްރޮމޯޝަނަލް ވީޑިއޯގައި ހަރަކާތްތެރިވީ މިނިސްޓަރު އަލީ ވަހީދުއެވެ. އެގޮތުން މި ވީޑިއޯގައި މިނިސްޓަރު ފިނޮޅެއްގައި އިންނަވައި، މަސައްކަތް ކުރާ މަންޒަރު ދައްކައެވެ.

"ސީޔޫ އިން ޖުލައި" އަދި "ވިޒިޓް މޯލްޑިވްސް" ސޯޝަލް މީޑިއާއަށް މިނިސްޓްރީން ދެ ވީޑިއޯއެއް އާންމު ކޮށްފައިވެއެވެ. އެގޮތުން އެއް ވީޑިއޯ ކޮޅު މިނިސްޓަރު އަލީ ވަހީދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި އިރު، އަނެއް ވީޑިއޯ ހިއްސާ ކޮށްފައިވަނީ މިނިސްޓްރީގެ ޓުވިޓާ އެކައުންޓުންނެވެ.

މި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ކުރުމާއެކު ގިނަ ބައެއްގެ ފާޑު ކިއުންތައް ވަނީ އަމާޒުވެފައެވެ.

މިނިސްޓްރީން މި ޕްރޮމޯޝަނަލް ވީޑިއޯ އާންމު ކޮށްފައިވަނީ "ދަ ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި ބޭއްވި އޮންލައިން އިވެންޓަކަށް ފަހުއެވެ.