ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރެވިފައިވަނީ 6،860 ފުލެޓު ކަމަށާއި ނަމަވެސް ފުލެޓު ލިބޭނެކަމުގެ ލިޔުން 11،000 އަށްވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން 7000 ފުލެޓު ތަރައްގީކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، ތަރައްގީކުރެވިފައިވަނީ 6،860 ފުލެޓު ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 11،000 އަށްވުރެ ގިނަ މީހުންނަށް ފުލެޓު ލިބޭނެކަމުގެ ލިޔުން ހަވާލުކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ހިޔާ މަޝްރޫއުގައި 7،000 ކިޔަސް އެތާ ހުރީ 6،860 ފުލެޓު. އިންތިހާބާ ދިމާކޮށް އަދި އިންތިހާބު ނިމި އާ ސަރުކާރު ހުވާކުރުމާ ދޭތެރޭ 11 ހާހަށްވުރެ ގިނަ މީހުންނަށް ފުލެޓު ލިބޭނެ ކަމުގެ ލިޔުން ދީފައިވޭ،" އޭނާ ވިދާޅުވިއެވެ.
ޝާމިން ވިދާޅުވީ ހިޔާ މަޝްރޫއުގެ ފުލެޓުތަކުގެ އަގު ހަގީގަތުގައި ވެސް ވަރަށް ބޮޑު ކަމަށާއި އެކަފޫޓަކަށް 2300 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފުލެޓުތަކުގައި 550 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓު ހިމެނޭކަން ފާހަގަކުރެއްވިއެވެ.
"ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އަގު ހަގީގަތުގައިވެސް ވަރަށް ބޮޑު. 550 އަކަފޫޓުގެ 2 ކޮޓަރި އެޕާޓްމަންޓަކަށް 82398 ޑޮލަރު، މާނައަކީ އަކަފޫޓަކަށް 2300 ރުފިޔާ. އެވެސް އަދި ފިނިޝިން މަސައްކަތް ނުހިމަނައި. މަސައްކަތް ލަސްވަނީ ފިނިޝިން މަސައްކަތް ނިންމުމަށް،" އޭނާ ވިދާޅުވިއެވެ.
ޝާމިން އިތުރަށް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އަޅަން ހަވާލުކުރެވުނު ފުލެޓުތަކުގެ ޖާގަ ތަނަވަސްވެފައި އަގު ހެޔޮވާނެ ކަމަށެވެ. ނުވަ ސަތާކަ އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ހެދުމަށް ހަވާލުކުރެވިފައިވާނީ 52000 ޑޮލަރަށް ކަމަށާއި މާނައަކީ އަކަފޫޓަކަށް 890 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ލޯނު އެހީގައި، އެގައުމުގެ ސީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފައެވެ. އެތަން ހެދުމަށް ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފުލެޓުތަކާ ބެހޭގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. ނަޝީދު ވިދާޅުވީ އެ ފުލެޓުތައް އަޅާފައިވަނީ 500 އަކަފޫޓު ކުދި ކޮތަރަ ކޮށިތަކެއް ގޮތަށް ކަމަށެވެ.
"އޭގެން ތަނެއް ހަދަން ހަރަދުކޮށްފައިވާ ކަމަށް ބުނަނީ އަކަ ފޫޓަކަށް 1900 ރުފިޔާ. މިހެންކަމުން ކުލީގެ ގޮތުގައި 11000 ރުފިޔާ ޖެހޭ. ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ،" އިއްޔެ ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ހިޔާ ފުލެޓުތަކަކީ މީހުން ދިރިއުޅެން އެކަށީގެންނުވާ ފެންވަރަށް ހަދާފައިވާ ތަނެއް ކަމަށާއި އެތަނުގެ ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭ އަދަދު 11،000 ރުފިޔާއަށް އަރާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ސަބްސިޑީތަކެއް ދީގެން އެ އަދަދު 6000 ރުފިޔާއަށް ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ ފުލެޓުތަކުގެ ޖާގަ ތަނަވަސްކޮށް ބަދަލުތައް ގެނައުމުން ދެ ކޮޓަރީގެ ފުލެޓަކަށް 13،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފުލެޓަކަށް 23،000 ރުފިޔާ އަރާކަމަށް ސަރުކާރުން ކުރި ދިރާސާއަކުން ދައްކާ ކަމަށެވެ.
އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓު އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ސެޕްޓެމްބަރު މަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތަށް މިއަހަރު ނިމުމުގެ ކުރިން އެ ފުލެޓުތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވަނީ ވިދާޅުވެފައެވެ.