ގާނޫނުއަސާސީ އިސްލާހުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާކުރި މައްސަލަ ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓް ޕާޓީ (އީސީއާރު) އިން ކުށްވެރިކޮށްފިއެވެ.
ޔޫރަޕުގެ 29 ގައުމެއްގެ ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ އީސީއާރުން ނެރުނު ބަޔާނެއްގައި ބުނީ، މަޖިލީހުގެ ތަޅުމުގެ ތެރޭގައި ހިންގައިދިޔަ ހަމަނުޖެހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ ރާއްޖޭގައި އޮތް ޑިމޮކްރަސީ ނުރައްކަލެއްގެ ތެރެއަށް ދިއުން ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި މުހިންމު އެ ޖަލްސާ ފަހުން ކުރިއަށްގެންދިޔައީ އެ އިސްލާހަށް ބަހުސް ނުކުރެވޭ ގޮތަށް ޗެންބަރަށް އިދިކޮޅުގެ މެންބަރުން ނުވައްދާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އީސީއާރުގެ ބަޔާނުގައި އިތުރަށް ވަނީ ޝިޔާމަށް ދިން އަނިޔާގެ ފުރިހަމަ އަދި ދެފުށް ފެންނަ ތަހުގީގެއް ކުރުމަށާއި ޑިމޮކްރަސީގެ ހަމަތަކާއި ގުޑް ގަވަނަންސް އަދި އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް ރައްކާތެރިކުރެވޭކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރި ޖަލްސާ ފެށުމާއެކު އެ ޖަލްސާއަކީ ގާނޫނާ ހިލާފު ޖަލްސާއެއް ކަމަށް ވިދާޅުވެ ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން އޭނާގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްވައިފައެވެ.
ނަމަވެސް ތިން ފަހަރު ނަން އިއްވެވުމުން ވެސް ޝިޔާމް ޖަލްސާ ދޫކުރައްވައި ވަޑައިނުގަތުމުން އެމްޑީޕީގެ މެންބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން ކުރި މަސައްކަތުގެ ތެރޭގައި ހަމަނުޖެހުން އުފެދި ޝިޔާމަށް އަނިޔާވިއެވެ.
އެ އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވިއިރު ޝިޔާމް ވިދާޅުވި ގޮތުގައި، އަނިޔާގައި އޭނާގެ މޭ ކަށިގަނޑާއި މައިބަދައިގައި ވަނީ ރެނދުލައިފައެވެ. އަދި ލިބުނު އަނިޔާތަކުގެ ސަބަބުން ރާއްޖޭން ބޭރަށް އިިތުރު ފަރުވާ ހޯއްދަވަން ވަޑައިގަންނަވަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.