ޚަބަރު

ޗައިނާއިން ރާއްޖޭގެ ދަރަނި ފަސްކޮށްދެނީ

ރާއްޖެއިން ޗައިނާއަށް އަދާކުރަން ޖެހޭ ދަރަނި ފަސްކޮށްދޭން ވިސްނާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެ ޖީ20 ގައުމުތަކަށް ތަރައްގީވަމުން އަންނަ ގައުމުތަކުން އަދާކުރަން ޖެހޭ ދަރަނި ވަކި މުއްދަތަކަށް ފަސްކުރުމަށް "ޖީ20 ޑެބްޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް"ގެ ނަމުގައި ވަނީ މަސައްކަތްތަކެއް ފަށައިފައެވެ.

އެ އިނީޝިއޭޓިވްގެ ދަށުން ރާއްޖެއިން ޗައިނާއަށް އަދާކުރަން ޖެހޭ ދަރަނި ފަސްކޮށްދޭން ވިސްނާ ކަމަށް ޗައިނާ ސަފީރު ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ. އެ އިނީޝިއޭޓިވްގެ ދަށުން ޝަރުތު ހަމަވާ 77 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ބައްދަލުވުމުގައި ސަފީރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ޗައިނާގެ ސަފީރު ވަނީ ރާއްޖެއިން ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޖީއައި އިން ރާއްޖޭގައި މެޑިކަލް ލެބޯޓަރީއެއް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރިކަން ވެސް ފާހަގަކުރައްވައިފައެވެ.

މިދިޔަ މާޗް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި އެގޮތުން ލޯނުތަކުގައި އެހީތެރިކަން ހޯދުމަށް ޗައިނާގެ ރައީސަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބެއް ޗައިނާއިން ދީފައިވާ ކަމެއް ސަރުކާރުން އަދި ހާމަކޮށްފައެެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ އެއް ގައުމަކީ ޗައިނާއެވެ. އެގޮތުން ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް އެގައުމުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

ޗައިނާގެ ސަރުކާރުންނާއި އެގައުމުގެ ބައެއް ވިޔަފާރިވެރިންގެ އިތުރުން އަމިއްލަ ކުންފުނިތަކުން މީގެ ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ބައެއް ތަކެތި:

  • ޗައިނާ ފޮރިން މިނިސްޓްރީން: 20،000 ކޭ95 މާސްކު
  • ގުއާންޒީ ރީޖަންގެ ސަރުކާރުން: 18080 މާސްކު، 1500 ކޭ95 މާސްކު، 200 ގޮގުލްސް، 100 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 50 އިންފުރާޑް ތާމޯމީޓާ
  • ޗައިނާ މާޗަންޓްސް ޕޯޓް ގުރޫޕް: 50،000 މާސްކު
  • ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން: 6000 މާސްކު
  • ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން: 20 ކެއާ ބެޑްސް
  • ވާވޭ ޓެކްނޮލޮޖީސް: 10،000 މާސްކު
  • ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ: 3000 މާސްކު އަދި 250 މެޑިކަލް ޕްރޮޓެކްޓިވް ސޫޓު
  • ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް: 5000 މާސްކާއި 300 ގޮގުލް
  • ޖެކް މާ ފައުންޑޭޝަން: 90000 މާސްކު، 10000 އެން95 މާސްކު، 10000 ޑައިގްނޯސްޓިކް ރީޖެންޓް ކިޓު، 10000 ސާމްޕަލިން ސްޓިކް އާއި 10000 ޑިޓެކްޝަން ރީޖެންޓް އެކްސްޓުރެކްޓެންޓް އަދި 10 ވެންޓިލޭޓަރު
  • ޗައިނާގެ ސޫޖޯ ސިޓީ: މާލެ ސިޓީ ކައުންސިލަށް 20،000 ސާޖިކަލް މާސްކް

މީގެ އިތުރުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ޕީޕީއީ އާއި އެހެން ބައެއް ސާމާނުވެސް ވަނީ މީގެ ކުރިން ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ވަނީ ބިދޭސީން ދިރިއުޅޭ ލޭބާ ކުއާޓާއެއްވެސް ހަދައިދީފައެވެ.