ޑިސްޕޯސަބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި މަގު މައްޗަށާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއަކަށް ހެދުމަށް ދިރާގުން ގޮވާލައިފިއެވެ.
ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް 19 އަށްފަހު ނިއު ނޯމަލްއަކަށް ތައްޔާރުވަމުން އަންނައިރު ޑިސްޕޯސަބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުން ގިނަވެފައިވާ ކަމަށެވެ. މިފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، އަހަރުމެންގެ ވަށައިގެން މިވާ ކަނޑުތަކާއި ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ، ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ގައުމެއްކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން މިއަދު ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު، މަގުމައްޗަށާއި މީހުން އުޅޭ ސަރަހައްދުތަކަށް މިފަދަ ތަކެތި އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަކީ ހުރިހާ އެންމެންގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ހެދުމަށް އެކުންފުނިން އެދެއެވެ.
ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެގޮތުން ކަނޑުތަކުގެ ހިމާޔަތުގައި އަޑުއުފުލުމުގެ ގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިރާގާއި ޕާލޭ މޯލްޑްވިސް ގުޅިގެން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރުއަޅައި އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.
އޭގެ އިތުރުން، އެ ކެމްޕެއިންގެ ދަށުން ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިވާއިރު ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. އަދި މިއަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.
ދިރާގަކީ އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކޮށް، އެކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޏެވެ.