ޚަބަރު

އިތުރު 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ތަކެތި ލިބިއްޖެ: މިނިސްޓަރު މަހްލޫފް

އައިދާ އަބްދުލް ހަކީމް

އިތުރު 15 ރަށެއްގައި ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ތަކެތި ލިބިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައި ހަވާލުކޮށްފައިވާ އެހެން ރަށްރަށުގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަލަށް ފަށާ ބުރުގައި ޕާކް ހެދުމަށް ބޭނުންވާ ތަކެތި ދިނުމަށް ނިންމާފައިވަނީ ފ. މަގޫދޫ، އދ. އޮމަދޫ، ކ. ދިއްފުށި، ފ. ފީއަލި، އދ. ދަނގެތި، އދ. ދިގުރަށް، ކ. ކާށިދޫ، ފ. ދަރަނބޫދޫ، މ. ދިއްގަރު، ހއ. ކެލާ، ގދ. ނަޑެއްލާ، ނ. މާފަރު، ލ، ފޮނަދޫ، ރ. މަޑުއްވަރި އަދި އއ. ހިމަންދޫކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓް

"ވަން" އަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ މި 15 ރަށަށް ތަކެތި ދޭން ނިންމި ކަމުގެ ލިޔުން މާދަމާ ޔޫތު މިނިސްޓްރީން އެރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާނެ ކަމަށެވެ.

މީގެ ކުރިން 19 ރަށެއްގައި ކުޑަކުދިންގެ ޕާކް ހެދުމަށް ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތްތާނގައި 63 ރަށަށް ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ތަކެތި ދިނުމަށް ނިންމާފައިވާ ކަމަށެވެ.