ޚަބަރު

2.7 ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފި

1

ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން 2.7 ބިލިއަން ރުފިޔާ ސަރުކާރަށް އޯވަޑްރޯ ކޮށްފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މިދިޔަ މަހު އާންމުކޮށްފައިވާ ބެލެންސް ޝީޓުން ދައްކާގޮތުން 2.7 މިލިއަން ރުފިޔާ އޯވަޑްރޯ ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެ ފައިސާގެ ތެރެއިން 828 މިލިއަން ރުފިޔާ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު އޯވަޑްރޯ ކޮށްފައިވާކަން އެނގެއެވެ.

އެމްއެމްއޭ އިން އޯވަޑްރޯކުރި މި ފައިސާއަކީ ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގުތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ޕަބްލިކް އެކައުންޓް މެދުވެރިކޮށް 4.2 ބިލިއަން ރުފިޔާ ނަގަން އެދި ފިނޭންސް މިނިސްޓަރު އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދަ ފައިސާއެވެ.

އެގޮތުން އެ ފައިސާގެ ތެރެއިން ދެން ސަރުކާރަށް އޯވަޑްރޯގެ ގޮތުގައި ނެގޭނީ 1.5 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ލޯނުގެ ގޮތުގައި ސަރުކާރަށް ފައިސާ ނެގޭނެ ލިމިޓެއް ވަނީ ކަނޑައަޅައިފައެވެ. ގާނޫނުގައި ވާގޮތުން މަރުކަޒީ ބޭންކުން ސަރުކާރަށް ނެގޭނީ ވޭތުވެދިޔަ ތިންއަހަރު ސަރުކާރަށް ލިބުނު ޖުމުލަ އަމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެކެއް އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރެކެވެ. އެހެންކަމުން މިދަނޑިވަޅުގައި އެމްއެމްއޭއިން ސަރުކާރަށް ނެގޭނީ 217 ވަރަކަށް މިލިޔަން ރުފިޔާއެވެ. ނަމަވެސް އެ ގާނޫނުގައި އެއަށްވުރެ އިތުރަށް ސަރުކާރަށް ފައިސާ ނެގޭނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފައެވެ.

ގާނޫނުގައި ބުނަނީ، އިގުތިސާދަށް ބޮޑު ހީނަރުކަމެއް ދިމާވުން، ނުވަތަ ގުދުރަތީ ކާރިސާއެއް މެދުވެރިވާ ހާލަތެއްގައި، ސަރުކާރަށް ފައިސާ ނެގުމަށް ގާނޫނުގައި ލިމިޓް ކަނޑައަޅާފައިވާ މާއްދާ އާއި ސަރުކާރުން ނަގާ ފައިސާގެ ލޯނު ދެއްކުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާއަށް އަމަލުކުން މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ހުއްދައާއެކު އިސްތިސްނާ ކުރެވިދާނެ ކަމެވެ.

އޯވަޑްރޯ ކުރުމަކީ ޕަބްލިކް އެކައުންޓުން އިތުރަށް ފައިސާ ނެގުމެވެ. ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި މަރުކަޒީ ބޭންކުގައިވާ ސަރުކާރުގެ ބޭންކު އެކައުންޓުން އޯވަޑްރޯ ކުރުމަށް އިގުތިސާދީ ގޮތުން ކިޔަނީ "މަނިޓައިޒް" ކުރުމެވެ. ނުވަތަ ފައިސާ ޗާޕުކުރުމޭ ވެސް ކިޔައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟