ޚަބަރު

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އިތުރު 10،000 ޓެސްޓު ކިޓު ހަދިޔާކޮށްފި

މަރިޔަމް ޝަހުދާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އިތުރު 10،000 ޓެސްޓު ކިޓު ހަދިޔާ ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ކޮވިޑް 19 އާ ދެކޮޅާށް ރާއްޖެއިން ކުރާ މަސައްކަތުގައި ލެބޯޓްރީ ޓޭސްޓުތައް އިތުރަށް ހަރުދަނާ ކުރުމަށް އެހީވުމަށް ޑަބްލިއުއެޗްއޯއިން ހަދިޔާކުރި މި 10،000 ޓެސްޓު ކިޓު މިއަދު ހެލްތު މިނިސްޓްރީއާ ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ.

ރާއްޖެއިން މި ޓެސްތު ކިޓުތަކާ ރަސްމީކޮށް ހަވާލުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދް މާތުރުއާ ބައްދަލުކުރެއްވި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރު އަމީން ވަނީ ޑަބްލިއުއެޗްއޯ އިން މި ދަނޑިވަޅުގައި ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއަދު ރާއްޖެއަށް ހަދިޔާ ކުރި 10،000 ޓެސްޓު ކިޓާއެކު ޑަބްލިއުއެޗްއޯ އިން މިހާތަނަށް ރާއްޖެއަށް ޖުމުލަ 41،000 ޓެސްޓްކިޓު ހަދިޔާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއަށް އެ ޖަމިއްޔާ އިން ޓެސްތު ކިޓު ފޯރުކޮށްދޭނެ ކަމަށާއި ޓެސްޓު ކިޓުގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ޑަބްލިއުއެޗްއޯ އިން އަންނަނީ ރާއްޖެއިން ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ޖަމިއްޔާއިން ވަނީ ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެހީވުމުގެ އިތުރުން، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.