މުވައްޒަފަކު ބަލިވެގެން ސަލާމް ބުނާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅާގޮތަށް ބަދަލުކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ތާއީދު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ބަހުސް ކުރިއަށް ގެންދިޔަ، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ، 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، އެމާއްދާގެ (ށ) އާ ހިލާފް ނުވާނެ ގޮތެއްގެ މަތިން، މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެ ކަމަށެވެ.
(ށ) ގައި ބުނެފައިވަނީ ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒިފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެ މުވައްޒިފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެނެއް ނުވާ ކަމަށެވެ.
މިހާރު ގާނޫނުގައި އޮންނަގޮތުން ސެޓްފިކެޓް ހުށަހަޅަން ޖެހެނީ ދެ ދުވަހަށްވުރެ ގިނަ ދުވަހަށް ސަލާމް ބުނާ ނަމައެވެ.
އެގޮޮތުން ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނޫނީ، އެމުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން، ލާޒިމު ނޫން ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
ސަލާމް ބުނާ ކޮންމެ ދުވަހަކަށް ސަލާމް ސިޓީ ހުށަހެޅުމަށް ތާއީދު ކުރައްވައި ވާހަކަދެއްކެވި މެންބަރުން ވިދާޅުވީ، އެގޮތަށް އޮތުމުން ބައެއް މުވައްޒަފުން ނާޖާއިޒު ފައިދާ ނަގާ ކަމަށެވެ. އެގޮތުން، ޖެހިގެން އަންނަ ދުވަހަކީ ބަންދު ދުވަހެއްނަމަ، ކުރިއަށް އޮތް ދުވަހާއެކު ސަލާމް ބުނެ މެޑިކަލް ސެޓްފިކެޓާ ނުލައި ފަސޭހަކަމާއެކު ދެދުުވަހުގެ ޗުއްޓީ ނަގާ ކަމަށްވެސް އެ މެންބަރުން ފާހަގަކުރެއްވިއެވެ.